18 މާޗް 2018 - 10:19

ވޭތުވެދިޔަ ދެ ދުވަހުގެ މުޒާހަރާ އިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރި އިރު އޭގެ ތެރެއިން މިހާރު ފުލުހުންގެ ބަންދުގައި ތިބީ 20 މީހުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
"ހުއްޓުވާ" ނަމުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ކުރި މުޒާހަރާ އިން 141 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ އެ މީހުންގެ ތެރެއިން މި ވަގުތު ބަންދުގައި ތިބީ ފަސް މީހުން ކަމަށެވެ.
ރޭގެ މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ތެރެއިން ބަންދުގައި ތިބީ 15 މީހުން ކަމަށާއި އެއީ އަންހެނަކާއި 14 ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމަކީ، މޭ 1، 2015 ގައި މާލޭގައި އޮތް ބޮޑު މުޒާހަރާ އަށް ފަހު އެންމެ ގިނަ އަދަދަކަށް މީހުން ހައްޔަރުކުރި އެއްވުމެވެ.
ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު މިހާތަނަށް ހައްޔަރު ކުރީ ކިތައް މީހުންކަމެއް ސާފުވާ ގޮތެއް ނުވި އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، މިމަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް 110 މީހުން ހައްޔަރު ކޮށްފައިވާ އިރު އެ ދުވަހުގެ ނިޔަލަށް ބަންދުގައި ތިބީ 31 މީހެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވެ އެވެ. ނަމަވެސް އޭގެ ފަހުން ވެސް ބައެއް މީހުން ވަނީ މިނިވަންކޮށްފަ އެވެ.