18 ޖުލައި 2016 - 14:39

ފުލުހުންނަށް ހުރަސް އެޅިކަން ސާބިތުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެ ހުކުމް އަޔަސް މަހްލޫފްގެ މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގައި މަހްލޫފަކަށް ބައިވެރިއެއް ނުވެވޭނެ އެވެ.
އިދިކޮޅު ފަރާތްތައް ގުޅިގެން އުފައްދާފައިވާ ކޯލިޝަންގެ ތަރުޖަމާނު ކަން ވެސް ކުރައްވާ މަހްލޫފްގެ މައްޗަށް އެ ހުކުމް އައީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އޭނާ ފުލުހުންގެ ބަންދުގައި ހުރިއިރު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހަދައި، ފިލަން މަސައްކަތް ކުރި މައްސަލައިގަ އެވެ.
އެ މައްސަލާގައި މަހްލޫފަށް ހުކުމްކޮށްފައިވަނީ ސިއްރު މަޖިލީހެއްގައި ކަމަށްވާތީ ހުކުމުގެ ތަފްސީލެއް ނުލިބެ އެވެ. ހުކުމަށް ފަހު މަހްލޫފްގެެ ވަކީލް އަބްދުﷲ ހަސީން ވިދާޅުވީ މަހްލޫފަށް ކުށް ސާބިތުވާ ކަމަށް ނިންމުމުން، އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި މަހްލޫފަށް ޖޫރިމަނާއެއްގެ އަދަބު ކަނޑައަޅައިދޭން އެދިފައިވާނެ ކަމަށެވެ.
ފުލުހުންގެ ގާނޫނުގެ ދަށުން އެ ކުށަށް 12،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ފުރުސަތު އޮތްއިރު މަހްލޫފަކީ މަޖިލީހުގެ މެމްބަރެއް ކަމަށްވާތީ މަޖިލީހުުގެ މަސައްކަތް ކުރަން ހުރަސް ނޭޅޭނެ ގޮތަކަށް މަހްލޫފް ޖޫރިމަނާކޮށްދޭން އެދުނު ކަމަށް ހަސީން ވިދާޅުވި އެވެ. އެކަމަކު ދައުލަތުން އެދުނީ ޖަލު ހުކުމެއް އިއްވައިދޭން ކަމަށް ހަސީން ވިިދާޅުވި އެވެ.
މީގެ އިތުރުން ހަމަ އެފަދަ މައްސަލައެއްގައި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ޖޫރިމަނާކޮށްފައި ވާތީ މަހްލޫފް ޖޫރިމަނާ ކުރުމަށް ޝަރީއަތުގައި އެދިވަޑައިގެން ކަމަށް ހަސީން ވިދާޅުވި އެވެ. ހަސީން ވިދާޅުވި ގޮތުގައި އެ މައްސަލަ ވަރަށް އަވަހަށް އިސްތިއުނާފަށް ހުށަހަޅާނެ އެވެ.
ފުލުހުންނަށް ހުރަސް އެޅިކަމުގެ އިތުރު ދައުވާއެއް ވެސް މަހްލޫފްގެ މައްޗަށް ކުރެއެވެ. އެ މައްސަލައިގެ އެންމެ ފަހު އަޑުއެހުން މާދަމާ ބާއްވާނެ އެވެ.
ހުކުމް ކުރި ވަގުތު އެމްޑީޕީއަށް ނިސްބަތްވާ ބައެއް ސަޕޯޓަރުންނާއި މަޖިލިސް މެމްބަރުން ވަނީ ކޯޓު ހިމެނޭ ސަރަހައްދަށް އެއްވެފަ އެވެ.