18 މާޗް 2018 - 08:48

ލިވަޕޫލް (މާޗް 18) - މި ސީޒަނުގައި ލިވަޕޫލަށް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ މިސްރުގެ ވިންގް މުހައްމަދު ސަލާހު ހުރީ ތަފާތު ފޯމެއްގައި ކަމަށާއި އެހެން ނަމަވެސް ލިއޮނަލް މެސީއާ ވާދަކުރަން އޭނާ ބޭނުންނުވާ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ވަޓްފޯޑް އަތުން 5-0 އިން ލިވަޕޫލް މޮޅުވި މެޗުގައި ސަލާހު ވަނީ ހަތަރު ލަނޑުޖަހައިފަ އެވެ. އެ ޓީމުގެ އަނެއް ގޯލު ރޮބާޓޯ ފިރްމީނޯ ކާމިޔާބުކުރީ ސަލާހު ދިން ބޯޅައަކުންނެވެ. މިއީ 2014 ވަނަ އަހަރަށް ފަހު ލިވަޕޫލް ކުޅުންތެރިޔަކު ޕްރިމިއާ ލީގުގައި ހެދި ފުރަތަމަ ހެޓްރިކެވެ.
ރޭގެ ލަނޑުތަކާ އެކު ސަލާހު ވަނީ ޔޫރަޕްގެ ރަން ބޫޓު ރޭހުގައި ވެސް ކުރިއަށް ޖެހިލައިފަ އެވެ. ސަލާހު ލީގުގައި ޖެހި 28 ގޯލާ އެކު އެންމެ ކުރީގައި އޮތްއިރު، ލިސްޓުގައި ދެން ހިމެނޭ ހަތަރު ކުޅުންތެރިން ކަމަށްވާ މެސީ، ޕީއެސްޖީގެ އެޑިސަން ކަވާނީ، ޓޮޓެންހަމްގެ ހެރީ ކޭން އަދި ލާޒިއޯގެ ޗީރޯ އިމޯބިލް ވަނީ މިހާތަނަށް ލީގުގައި 24 ލަނޑު ޖަަހައިފަ އެވެ.
"އަހަންނަށް ހިއެއް ނުވޭ ސަލާހު ބޭނުންވާނެ ހެން ވެސް މެސީއާ ވާދަކުރަން. އެއީ މެސީ އެ ހުރި ލެވެލްގައި މޮޅަށް ކުޅޭތާ މިހާރު ވެއްޖެ 20 ވަރަކަށް އަހަރު. އަހަރެން ހަނދާން ހުންނަ ގޮތުގައި ޓީމުގައި އެ ވަރުގެ ތަފާތެއް މީގެ ކުރިން ދެއްކީ މަރަޑޯނާ،" ކްލޮޕް ބުންޏެވެ.
"އެކަމު އަހަރެމެން ހަނދާން ނައްތާލައިގެން ނުވާނެ މުޅިން އާ ޓީމަކާ ގުޅުމަށް ފަހު ސަލާހު އެ ދައްކާ ވަރުގެ ކުޅުމެއް އެ ވަރުގެ ތަފާތެއް އަދި ނެތް ކުޅުންތެރިޔަަކަށް ދެއްކިފައެއް."
ސަލާހު ވަނީ ރޭގެ ހެޓްރިކާ އެކު ޕްރިމިއާ ލީގުގެ ތާރީހުގައި އެއް މެޗެއްގައި ތިން ގޯލު ޖެހި ފުރަތަމަ މިސްރު ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. އަދި އޭނާ ވަނީ ސީޒަނުގައި ޖުމްލަ 36 ގޯލު ޖަހައިފަ އެވެ.
މި ފޯމުގައި ލީގުގައި ބާކީ ހުރި މެޗުތަކުގައި ސަލާހު ކުރިއަށް ގޮސްފިނަމަ ޕްރިމިއާ ލީގުގެ ދެ ރެކޯޑެއް މުގުރާލުމުގެ ފުރުސަތު އޭނާ އަށް އެބައޮތެވެ. އެއީ އެއް ސީޒަނެއްގައި ވިންގަކަށް ކުޅެމުން 42 ލަނޑު ޖަހައިގެން މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހަދާފައިވާ ރެކޯޑާއި ޕްރިމިއާ ލީގު 38 މެޗުގެ ފޯމެޓަށް ކުޅެން ފެށި ފަހުން ލީގުގައި 31 ލަނޑު ޖަހައިގެން އެލަން ޝިއަރާ އާއި ރޮނާލްޑޯ އަދި ލުއިސް ސުއަރޭޒް ހަދާފައިވާ ރެކޯޑް މުގުރާލުމުގެ ފުރުސަތެވެ.
ރޭގެ މޮޅާ އެކު ލިވަޕޫލް ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް ކުޅުނު 31 މެޗުން ލިބިފައިވަނީ 63 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް ޓޮޓެންހަމަށް 30 މެޗުން ލިބިފައިވަނީ 61 ޕޮއިންޓެވެ.