17 މާޗް 2018 - 23:23

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން، އެއްވެސް ބޮތްކެއް އަދި ފަންކާއެއް ވެސް ނެތް ގޮޅިއަކަށް ބަދަލު ކޮށްފައިވާ ކަމަށް ފާރިސްގެ ވަކީލުން ވިދާޅުވެއްޖެ އެވެ.
ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ފާރިސްއާ އިއްޔެ އިންޓަވިއު ކުރުމަށްޓަކައި ގަދަކަމުން ގޮޅިން ނެރެން އުޅުމުގެ ތެރޭގައި އޭނާއަށް އަނިޔާވެފައިވާ ކަމަށް ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް މައުމޫން ހަމީދު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ވަކީލުން ނެތީސް، ތަހުގީގަށް އެއްބާރުލުން ނުދޭނެ ކަމަށް ފާރިސްގެ ފަރާތުން ބުނެފައިވާ ކަމަށް ވަކީލް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އިބްރާހިމް ޝަމީލް މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އިއްޔެ ހިނގައިދިޔަ ކަންކަމަށް ފަހު، ފާރިސް ހުންނަވާ ގޮޅި ބަދަލު ކޮށްފައިވާ ކަމަށާއި މިހާރު ފާރިސް ބަހައްޓާފައި ހުންނަނީ އެއްވެސް ބޮތްކެއް ނެތް އަދި ފަންކާއެއް ނެތް ގޮޅިއެއްގައި ކަމަށެވެ.
ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ފާރިސް ހައްޔަރު ކޮށްފައިވާއިރު އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން ވެސް އެ ތުހުމަތުގައި ހުންނެވީ ހައްޔަރުކޮށްފަ އެވެ.