17 މާޗް 2018 - 22:05

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާ އިންޓަވިއު ކުރަން ކަމަށް ބުނެ ބިޑި އަޅުވައިގެން ގަދަކަމުން އޭނާ އިއްޔެ ގޮޅިން ނެރުނު ކަމަށާއި، އެކަމުގެ ސަބަބުން ފާރިސަށް އަނިޔާވެފައިވާ ކަމަށް އޭނާގެ ވަކީލު މައުމޫން ހަމީދު މިރޭ ވިދާޅުވެއްޖެ އެވެ.
މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ފުލުހުން ހަ އޮފިސަރަކު އިއްޔެ ހަވީރު ގާތްގަނޑަކަށް ފަހެއް ޖަހާކަށް ހާއިރު ފާރިސްގެ އަތުގައި ބިޑި އަޅުވައިގެން ގަދަކަމުން ފާރިސް ގޮޅިން ނެރުމުގެ ތެރޭގައި ފާރިސްގެ ކޮނޑަށް އަނިޔާވެފައިވާ ކަމަށާއި އެކަމަކު ވަކީލު ނެތީސް ތަހުގީގުގައި އެއްވެސް ވާހަކައެއް ދައްކަވަން ފާރިސް ދެކޮޅު ހެއްދެވި ކަމަށެވެ.
މައުމޫންގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައި ވަނީ ވަކީލުގެ ހާޒިރުގައި މިއަދު ފާރިސްއާ ސުވާލު ކުރި ކަމަށާއި އެކަމަކު ތަހުގީގު ބަޔާނުގައި ސޮއިކުރަން ފާރިސް ދެކޮޅު ހެއްދެވި ކަމަށެވެ.
ގަދަކަމުން ގޮޅިން ނެރުމުގެ ތެރޭގައި ލިބުނު އަނިޔާތަކާ ގުޅިގެން އޭނާ އިތުރު ޓެސްޓްތަކެއް ހެދުމަށް ދޫނިދޫގައި ހުރި ޑޮކްޓަރު ލަފާދިން ކަމަށާއި އެކަމަކު 24 ގަޑިއިރުވީ އިރު ވެސް އެ ޓެސްޓްތައް ނަހަދާ ކަމަށް މައުމޫންގެ ޓްވީޓްގައިވެ އެވެ. އަނިޔާ ލިބުނުކަމުގެ ޝަކުވާ ހިއުމަން ރައިޓްސް ކޮމިޝަނަށް ފާރިސްގެ ފަރާތުން ރޭ ހުށަހެޅުއްވި ނަމަވެސް އެ ކޮމިޝަނުން އަދިވެސް ފާރިސްއާ ބައްދަލު ނުކުރާ ކަމަށް ވެސް މައުމޫންގެ ޓްވީޓްގައިވެ އެވެ.
ފާރިސްގެ މައްޗަށް ކުރަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތެވެ. އޭނާގެ އިތުރުން ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް އެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފަ އެވެ.