18 މާޗް 2018 - 06:37

އެމެރިކާގެ ޖޯޖިއާ ސްޓޭޓްގައި އަންހެނަކަށް އޭނާގެ 100،000 ޑޮލަރުގެ ގަހަނާތައް ކުނިތަކާ އެކު އުކާލެވިގެން އެ ހޯދަން 10 ޓަނުގެ ކުނި ހާވަން ޖެހިއްޖެ އެވެ.
އަގުބޮޑު ގަހަނާތައް އުކައިލެވުނުކަން އެނގުމާ އެކު އެ މީހާ ވަނީ ކުނި އުކާ މީހުންނަށް އެކަން އަވަހަށް އަންގައިފަ އެވެ. ހާސްވެ ކަންބޮޑުވެފައި ހުރި މި މީހާގެ އެދުމަށް، ކުނިއުކާ މީހުން ގޮނޑު ހާވައިގެން ގަހަނާތައް ހޯދި އެވެ. އެކަމަކު، ތިން އަނގޮޓި އާއި ހާރެއް ލާފައި އޮތް ކަޅު ކޮތަޅު ފެނުނީ 10 ޓަނުގެ ކުނި ހޭވިފަހުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ގަހަނާތައް އުކައިލެވުނު މީހާއަށް އެކަން އެނގުނީ ވަރަށް ފަހުންނެވެ. އެ މީހާގެ އެދުމަށް ގަހަނާތައް ހޯދުމުގައި ފަސް މީހަކު މަސައްކަތްކުރި އެވެ. އެކަމަކު އެ މީހުންނަށް އެ ހޯދަން އުނދަގޫވީ، ގަހަނާތައް އަޅާފައި އޮތް އެތި ފަސޭހައިން ފާހަގަވާނެ ގޮތެއް ނެތުމުންނެވެ. އަންހެން މީހާ ބުނިހާ ވެސް ވާހަކަ އަކީ އެ އެއްޗެހި ކަޅު ކޮތަޅެއްގައި ހުރި ކަމެވެ. އެހެންވެ 10 ޓަނުގެ ކުނީގެ ތެރެއިން ފެނުނު ކޮންމެ ކަޅު ކޮތަޅެއް ބަލަމުން ދިޔައީ އެވެ.
ގަހަނާތަކާ އެކު ކުނިތައް އުކާލީ ދުވާލަކު 300 ޓަނުގެ ކުނި ޖަމާކުރާ ތަނަކަށެވެ. އެކަމަކު އެ ހުރިހާ ކުންޏެއް ހޭވުމުގެ ބަދަލުގައި ކޮންމެވެސް ވަރެއްގެ ފަސޭހަކަމެއް ލިބުނީ ކުނި ގެނައި ތަރުތީބާއި ވަގުތު ދެނެގަނެ، ގަހަނާތައް ހުރި ކުނިތައް އެޅި ހިސާބު ފާހަގަކުރެވުމުންނެވެ. އެވަރުން ވެސް އެ ހޯދަން ތިން ގަޑިއިރު ހޭދަވި ކަމަށްވެ އެވެ.
ގަހަނާތައް ފެނުނީ ހުރިހާ ކުންޏެއް ހޭވި ފަހުން، އެންމެ ފަހުން ބެލި ކޮތަޅުތަކުގެ ތެރެއިންނެވެ.