18 ޖުލައި 2016 - 13:11

މިނިސްޓަރުންގެ ލަފައާ އެކު، މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އައްޔަން ކުރަންޖެހޭ ގޮތަށް ސިވިލް ސާވިސްގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިއަދު ދެކޮޅު ހައްދަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ ސިވިލް ސާވަންޓުންނާއި ޕާމަނަންޓް ސެކެރެޓަރީއަކީ މުހިންމު ބައެއް ކަމަށެވެ. އިސްލާހު ފާސްވެއްޖެނަމަ، މުޅި ސިވިލް ސާވިސްގެ ހިދުމަތް ވަކި ފަރާތަކަށް ނުޖެހި އޮންނަ އޮތުން ގެއްލި، ސިޔާސީ ނުފޫޒު ފޯރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތައުލީމާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް ޕީއެސް އިން އައްޔަން ކުރުން މުޅިން ބަދަލުވެގެން ދާނެ. ސިވިލް ސާވިސް މުވައްޒަފުންގެ ރައްކާތެރިކަން ގެއްލިގެންދާނެ،" ފާރިސް ވިދާޅުވި އެވެ.
ފާރިސް ވިދާޅުވި ގޮތުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބަވަން ޖެހޭނީ ގާބިލް ބޭފުޅުންނެވެ. ތައުލީމީ ބޭފުޅުންގެ ލަފަ އާއި އިރުޝާދުގެ ދަށުން އެކަން ކުރެވޭނަމަ އިސްލާހަށް ތާއީދު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އިސްލާހާ ދެކޮޅަށް ވާހަކަ ދެއްކެވި އިދިކޮޅު މެމްބަރުން ވިދާޅުވީ އިސްލާހު ފާސްވެ، ތަސްދީގު ކުރަން ފަށައިފިނަމަ، ޕީއެސްއިން ވަޒީފާތަކުން ވަކިވުމުގެ ބިރު އެބައޮތް ކަމަށެވެ. އަދި މިއީ ސިޔާސީ ނުފޫޒުން ހުރިހާ މުއައްސަސާއެއް ކޮންޓްރޯލް ކުރުމަށް އިތުރުކުރެވޭ ބޮޅެއްގެ ގޮތުގައި ވެސް އިދިކޮޅު މެމްބަރުން ވަނީ ސިފަ ކުރައްވައިފަ އެވެ.
ނަމަވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވީ މި އިސްލާހުގެ ސަބަބުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އަވަސްވާނެ ކަމަށެވެ. އަދި ޕީއެސް އިންގެ ސަބަބުން ސަރުކާރުގެ ހިދުމަތްތައް ނުދީ ހިފަހައްޓަމުން ދާ ކަމަށް ވެސް ބައެއް މެމްބަރުން ތުހުމަތުކުރެއްވި އެވެ.
ޕާމަނަންޓް ސެކްރެޓަރީންގެ ޒިންމާއަކީ އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ، މިނިސްޓަރުގެ ލަފާ އާއި އިރުޝާދުގެ ދަށުން އެ މިނިސްޓްރީއެއް ހިންގުމާއި ބެލެހެއްޓުމެވެ. އެ ތަނެއްގައި މަސައްކަތް ކުރާ ސިވިލް ސާވެންޓުންގެ އެންމެ އިސް ފަރާތަކީ ޕާމަނަންޓް ސެކްރެޓަރީ އެވެ.
މި އިސްލާހާ މެދު މަޖިލީހުގެ ތަޅުމުގައި ގޮތެއް ނިންމުމަށް މިއަދު މެންދުރުފަހު 1:30 ގަ ވޯޓަށް އަހާނެ އެވެ.