ޗުއްޓީ ނުނަގައި މަސައްކަތްކުރުމުން 3،600 ޑޮލަރުގެ ޖޫރިމަނާއެއް
ޗުއްޓީ ނުނަގައި މަސައްކަތްކުރުމުން 3،600 ޑޮލަރުގެ ޖޫރިމަނާއެއް

އެއްބަޔަކަށް 24 ގަޑިއިރު މަސައްކަތުގައި އުޅެންޖެހިފައި ވިޔަސް އެހާ ބުރަކޮށް މަސައްކަތްކުރިޔަ ނުދޭން ބައެއް ގައުމުތަކުގައި ހަރުކަށި ގާނޫނުތަކަށް އަމަލުކުރެ އެވެ. މިއީ އޭގެ މިސާލެކެވެ.

ފްރާންސްގައި އަމިއްލަ ވިޔަފާރިއެއް ހިންގާ މީހެއް ކަމަށްވާ ސެޑްރިކަށް 3000 ޔޫރޯ (3،600 ޑޮލަރު) ގެ ޖޫރިމަނާއެއް އައީ އޭނާގެ އަމިއްލަ ބޭކަރީގައި ހަފުތާގެ ހަތް ދުވަހު މަސައްކަތް ކުރުމުންނެވެ. ސެޑްރިކް އޭނާގެ ބޭކަރީ ހިންގާ ސަރަހައްދުގެ ގާނޫނު ބުނާ ގޮތުން އަމިއްލައަށް ވިޔަފާރިކުރި ކަމުގައި ވިޔަސް، އެ ވިޔަފާރިއެއް ހިންގާ ތަނެއްގައި ހަފުތާއަކު ހަތް ދުވަހު މަސައްކަތްކޮށްގެން ނުވާނެ އެވެ. މަދުވެގެން އެއް ދުވަސް ބަންދުވާން ޖެހޭނެ އެވެ.

ސެޑްރިކަށް އަދަބު ލިބުނީ ބޭކަރީއަށް މި ދުވަސްވަރު ޑިމާންޑް ބޮޑުވެ މާގިނަ އެއްޗެހި ހަދަން ޖެހޭތީ އެއްވެސް ދުވަހެއް ވައްޓާނުލައި މަސައްކަތުގައި އުޅުމުންނެވެ.

ވަޒީފާއާ ބެހޭ ހަރުކަށި ގާނޫނުތައް ފްރާންސްގައި ހަދާފައި ވަނީ މުވައްޒަފުން ލައްވާ މާ ބުރަކޮށް މަސައްކަތްކުރުވިޔަ ނުދޭން އިސްކަންދީގެންނެވެ. އެކަމަކު އަމިއްލަ މަސައްކަތްކުރާ މީހުން ބުނަނީ މި ގާނޫނުތައް މާބޮޑަށް ހަރުކަށި ވުމުން ވިޔަފާރިއަށް ގެއްލުންވާ ކަމަށެވެ.

ބަންދު ދުވަހެއް ނެތި، ހަފުތާގެ ހަތް ދުވަހު މަސައްކަތުގައި ނުގެންގުޅެވޭނީ ހަމައެކަނި މުސާރަވެރިން ކަމަށް ހީވެދާނެ އެވެ. އެކަމަކު ފްރާންސްގެ ގާނޫނުތަކުގައި ވިޔަފާރީގެ ވެރިޔާ ވެސް އިސްތިސްނާއެއް ނުވެ އެވެ. އޭނާ ވެސް ޖެހޭނީ މަދުވެގެން އެއް ދުވަހު ޗުއްޓީގައި ހުންނާށެވެ.