ފާސްބަސް
ފާސްބަސް

ހޮނިހިރު ދުވަހެއްގެ ހިތްގައިމު ހެނދުނެއްގެ ވަގުތެވެ. ގަޑިން އަށެއްޖެހުމާއި ސިކުންތު ކަށްޓާ ދެމެދުގައި ދެތިން ސިކުންތު ވެސް ނެތެވެ. އުޑުމަތީގައި ވިލާ ބޯ ދުވަހެކެވެ. އަތްވެއް ނުދެއެވެ. އެކަމަކު ވާރޭގެ އިންޒާރެއް ނެތެވެ. ކާނިވާ ސަރަހައްދުގައި ހުރި އިސްކަންދަރު މައިޒާނުގައި ކުޅެން ތިބި ކުޑަކުދިންގެ ފޯރި ގަދައެވެ. ގޮނޑިތަކުގައި ކޯޅިކޯޅިއަށް އިށީނދެގެން ތިބި މައިންގެ ވާހަކަ އޮލައެވެ. ކައިރީގައި ހުރި ކެފޭތަކާއި ރެސްޓޯރަންޓުތަކުން ނުކުންނަ މީހުންނަށް ވުރެ ވަންނަ މީހުންގެ އަދަދު ގިނައެވެ. މާޙައުލުގައި ވަނީ އުފާވެރިކަމެވެ. އެ ފަދަ އެހެން ދުވަސްތަކެކޭ އެ ދުވަހެކޭ އެއްވެސް ތަފާތެއް ނެތެވެ. އެ ކަން ބަދަލުވާން ކިހާ ކައިރިވެއްޖެ ކަމެއް އެކަކަށް ވެސް ނޭނގެއެވެ.

"ދެން ނާޒް ވަރިވާންވީނު،" އެކުވެރި ސައުދާ އަބަދުވެސް ދޭ ޚިޔާލު ދިނެވެ. "ކިހިނެއް ތިހެން އުޅޭނީ؟ ދެމަފިރިން ނިދަނީ ޒުވާބަކުން. ހޭލާފަ އެންމެ ފުރަތަމަ ކުރާ ކަމަކީ ވެސް ޒުވާބު. މިހާރު ބަސްމާއަށް ތިން އަހަރު ފުރިއްޖެ! އިވޭ އަޑުތައް އޭނަ ވެސް ދަސްކުރާނެ އިނގޭ. އަސްލު މަށާ ބެހޭ ވެސް ކަމެއް ނޫން. އެކަމަކު ނާޒަކީ ބެސްޓް ފްރެންޑް ވީމަ ޗުއްޓީއަށް ލިބޭ ދުވަހު ވެސް ގޭގަ ނޯވެވިގެން ގުޅާލެވެނީ."

"އެނގެޔޭ! އެހެން ވެގެންތާ ހެނދުނުހެނދުނާ ހޭލައިގެން މަ ވެސް މި އަންނަނީ،" ނާޒް ޖަވާބުގައި ބުންޏެވެ. "މަ ވެސް ބޭނުމޭ ވަރިވާން. އެކަމަކު ދެން ވާނީ ކިހިނެއް؟ ދަރިފުޅު އަތުލާނެ. އެ ފިލިޕިންސް ކުއްޖާއާ ވެސް އިންނާނެ. މަ މިހެން ހުރީމަ އިއްސެ އަކަށް ނުކެރޭނެ އަމިއްލައަށް ވަރިފޯމު ލާކަށް. އޭނަ ބޭނުންވާނެ މީހުންނަށް ދައްކަން އޭނައަކީ ކިހާ އިނަސަންޓް މީހެއްކަން."

"އެކަމަކު ތީ ލައިފެއްތަ؟" އެ ސުވާލު ވެސް ސައުދާ ކިތަންމެ ފަހަރަކު ކޮށްފިއެވެ. "ދެން ނޭނގެ މަށަކަށް. ނާޒަށް ފެންނަ ގޮތަކަށް އުޅޭ."

ކުރިމަތިވެފައިވާ ހިތްދަތިކަމުން އެކުވެރިޔާ ސަލާމަތް ކުރުމަކީ ކިހާ އުނދަގޫ ކަމެއްކަން ސައުދާއަށް އެނގެއެވެ. އެތައް އިރަކު ވާހަކަދައްކައިފައި އެންމެ ފަހުން ސައުދާ ދިޔައީއެވެ. ސައުދާ ދިޔުމުން ނާޒް ބަލައިލީ ދަރިފުޅު ކޮބައިތޯއެވެ. އޭނަ ހުރީ އުނދޯލި ހެއްލާށެވެ. އެ ވަގުތު ވައިބަރ މެސެޖެއް އައެވެ. ނާޒް ފޯނަށް ބަލައިލިއިރު އެއީ ފިރިމީހާ އިސްމާއިލްގެ މެސެޖެކެވެ. އޭނަ ހޭލިއިރު ސައިހަދައިފައި ނެތުމުން ނާޒް ގެއަށް ދާން ޖެހުނީއެވެ. ކައިވެނީގައި މިހާރު ސަލާމަތުން އޮތް ހަމައެކަނި "ގުޅުމަކީ" އެއީއެވެ. ފިރިމީހާއަށް ދޮވެ އިސްތިރިކޮށްދީ، ކާންދިނުމެވެ. ނާޒް މަތިން އިސްމާއިލް ހަނދާން ވާނީ ވެސް އެ ފަދަ ކަމެއް ޖެހުނީމައެވެ. އެހެންނޫނީ ނާޒަކީ ބޭކާރު މީހެކެވެ. ސައުދާ އެންމެ ފަހުން ދެއްކި ވާހަކަ ނާޒްގެ ކަންފަތުގައި ގުގުމައިލިއެވެ. ނާޒަށް މި އުޅެވެނީ ދިރިއުޅުމެއް ހެއްޔެވެ؟ އެ ވިސްނުމުގައި އިންދައި ނާޒްގެ ފޯނު ރަނގަބީލު ވިއެވެ. އިސްމާއިލަށް ލަސްވީއެވެ.

"މި އަންނަނީއޭ!" ފޯނު ނަގައިފައި ވީހާ ވެސް ކުރު ޖަވާބެއް ދީފައި ނާޒް ފޯނު ކަނޑައިލިއެވެ.

ދަބަހަށް ފޯނު ލައިފައި ނާޒް ތެދުވިއެވެ. ބަސްމާ ކޮބައިތޯ ވަށައިގެން ހޯދައިލިއެވެ. ފެންނާކަށް ނެތެވެ. ކުރިން ބަސްމާ އިން އުނދޯލި ހެއްލިހެއްލި ހުއްޓެވެ. ފީކޯއިކުޅުމަކީ ބަސްމާ ވަރަށް ކުރާހިތްވާ ކަމެކެވެ. ފަހަރެއްގައި ކޮންމެވެސް އެއްޗެއްގެ ބިއްދޮށުގައި ވެސް އޭނަ އިނދެދާނޭ ނާޒް ހިތަށްއެރިއެވެ. ފިލޭ ގޮތަށް ހުރި ހުރިހައި ތަނެއް ނާޒް ބެލިއެވެ. ބަސްމާއެއް ނުފެނުނެވެ. އެހެން ވާނީ ކިހިނެއް ހެއްޔެވެ؟ ނާޒަށް ނޭނގި ބަސްމާ މަގުމައްޗަކަށް ނުނިކުންނާނެއެވެ. ނުދަންނަ މީހަކާ އެކުގައެއް ނުދާނެއެވެ. ނާޒަށް ކަށަވަރުވެފައި އޮތީ އެހެންނެވެ. މާލެ ކިހާ ބިރުވެރި ވެއްޖެކަމެއް ނާޒަކަށް ނުވިސްނުނެވެ.

"ބަސްމާ!" ނާޒް ގޮވައިލިއެވެ. "ދަރިފުޅާ!"

ޖަވާބެއް ނައެވެ. އޭރު ވެސް ޕާކުގައި ވަރަށް ގިނަ ކުޑަކުދިންނާއި ބޮޑެތިމީހުން އުޅެއެވެ. އެއްވެސް މީހެއްގެ ސަމާލުކަމަކަށް ނާޒެއް ނައެވެ. ކާނިވަލުން ނުކުމެފައި ސައުދާ ވިސްނައިލިއެވެ. އަނެއްކާ ވެސް އެތެރެއަށް ވަނެވެ.

"ބަސްމާ! ބަސްމާ! ބަސްމާ!" ވަރަށް ބާރަށް ނާޒް ގޮވަން ފެށިއެވެ.

ސައުދާއަށް އެ މަންޒަރު ފެނުނެވެ. ވަށައިގެން ހޯދަމުން ސައުދާ އައިސް ނާޒް ގާތަށް ހުއްޓުނެވެ.

"ބަސްމާ ގެއްލުނީތަ؟" ސައުދާ އެހިއެވެ.

"އުޅޭނެ ކޮންމެވެސް ތާކު،" ނާޒް ބުންޏެވެ. "ނުދާނެ ދުރަކަށް. މަގޭ އަޑު އިވޭ ހިސާބުގަ އޭނަ ހުންނާނީ."

ބަސްމާއަށް ގޮވަމުން ސައުދާ ހިނގައިގަތެވެ. ހިތާހިތުން ނާޒް ބުންޏެވެ. ބަސްމާ ކޮންމެވެސް ދިމާއެއްގައި ކުޅެން އިންނާނެއެވެ. މީ މާލެއެވެ. އިންޑިޔާއެއް ނޫނެވެ. ކުދިން ވާވައްދައިގެން ގެންދާ މީހުނެއް މާލެއަކު އަދި ނޫޅެއެވެ. ނާޒްގެ ހަނދާން ބަލީއެވެ. ކުޑަކުއްޖަކު ވަގަށްނެގުމުގެ ހާދިސާއެއް މާލޭގައި ވަނީ ހިނގައިފައެވެ. އެންމެ ދެތިން އަހަރެއް ކުރީގައެވެ. އެ ފަހަރު ގެއްލުނު ކުއްޖާއަކީ ވެސް ބަސްމާއާ ދާދި އެއް އުމުރެއްގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާގެ ނަމަކީ ޒަމަތެވެ. ގެއްލުނުތާ އެއް ދުވަސް ފަހުން ޒަމަތުގެ ހަށިގަނޑު ފެނުނީ މޫދުންނެވެ. އޭނައަށް ޖިންސީ ގޯނާކުރުމަށް ފަހު މަރާލި މީހާ ޤާނޫނޫނުގެ ކުރިމައްޗަށް ގެނެވުނީ ތިން ހަފުތާ ފަހުންނެވެ. ނާޒް ކުޑަކޮށް ވެސް އެ ކަމެއް ހަނދާނެއް ނެތެވެ. ޕާކު އެތެރޭގައި ތިން ބުރު ޖެހިއިރު ވެސް ދަރިފުޅުގެ ހިލަމެއް ނުވިއެވެ. ދެން ވެސް ދަރިފުޅު ގެއްލުނީ ކަމަށް ގަބޫލުކުރާކަށް ނާޒް ބޭނުމެއް ނުވިއެވެ. ބަސްމާއެއް ނުގެއްލޭނެއެވެ. އެކަނި ނުކުމެގެން ދާކަށް ވެސް އޭނައަކަށް ނުކެރޭނެއެވެ. އެންމެންގެ ތެރޭގައި އުޅެނިކޮށް މީހަކު އައިސް ބަސްމާ ގެންދާނީ ކިހިނެއް ހެއްޔެވެ؟

"ނުފެނުނޭ!" އެތައްމިތަން ހޯދުމަށް ފަހު ސައުދާ ބުންޏެވެ. "އެ ވައްތަރު ހެދުމެއް ލައިގެން ހުރި ކުއްޖަކު ވެސް ނުފެނުނު. އަޅެ ދެން ޕޮލިހަށް ގުޅަންވީނު."

ޕޮލިހަށް ގުޅަނީ ބޮޑު ކަމެއް ހިނގީމައެވެ. އެ ވަރު ކަމެއް ހިނގައިފި ކަމަކަށް ނާޒަކަށް ގަބޫލެއް ނުކުރެވެއެވެ. ދެން ވެސް ނާޒް ކުރިކަމަކީ، ކާނިވާ ސަރަޙައްދުގައި ހިނގަމުން ދަރިފުޅަށް ގޮވުމެވެ. އެއްވެސް ޚަބަރެއް ނުވިއެވެ. ނާޒް ކަންބޮޑުވާން ފެށީ އެ ހިސާބުންނެވެ. އެނބުރި އަންނަން ނޭނގޭހާ ދުރަށް ބަސްމާއަށް ދެވުނީ ހެއްޔެވެ؟ އެހެން ވެދާނެއެވެ. އޭރު ބަސްމާ ގެއްލުނުތާ ފަނަރަ ވަރަކަށް މިނެޓު ހިނގައިފިއެވެ. އިސްމާއިލަށް ގުޅަން އުޅެނިކޮށް އިސްމާއިލްގެ ފޯނުކޯލެއް އައެވެ.

"ކޮބައިތަ؟" ނާޒް ފޯނު ނެގުމުން އިސްމާއިލް ހަޅޭއްލަވައިގަތެވެ. "މިހާރު ބަނޑުހައިވެގެން ވާތާ ވާ ވަރު ވެއްޖޭ! ކިހާ ހިސާބެއްގަ ތިހިރީ؟"

"ބަސްމާ ވީ ތަނެއް ނޭނގިގެން މި އުޅެނީ،" ކަންބޮޑުވެފައިވާ ރާގެއްގައި ނާޒް ބުންޏެވެ. "މަގޭ ކައިރީގަ ކުޅެން އުޅުނީ. އެއްކަލަ ފަހަރު އިއްސެ ގުޅީމެއްނު. އޭރު ވެސް އިން އުނދޯލި ހެއްލަން. ދެން މަ ފޯނު ބާއްވައިފަ ބަލައިލިއިރު..."

ނާޒް އެހެން ބުނި ވަގުތު ބަލި ހަނދާނެއް ވިއެވެ. ބަސްމާގެ އުނދޯލި ހެއްލައިދޭން އަންހެންކުއްޖަކު ހުއްޓެވެ. ގާތްގަނޑަކަށް ތޭރަ އަހަރުގެ ކުއްޖެކެވެ. އާދަޔާ ޚިލާފު ކަމެއް ވެސް ނާޒްގެ ހަނދާނަށް އައެވެ. ފުރާވަރުގެ އެ އަންހެންކުއްޖާގެ ކަރުގައި މާޖެހި ދޯޕައްޓާއެއް ކަހަލަ އެއްޗެއް އޮޅައިލައިފައި އޮތެވެ. އެ ކުއްޖާ ލައިގެން ހުރީ ކަޅުކުލައިގެ ޖިންސަކާއި ކަޅުކުލައިގެ އަތް ދިގު ގަމީހެކެވެ. އެ ހެދުން ވަރަށް ނުގުޅެއެވެ. އޭނަ އުޅުނީ ބަސްމާއާ ވަރަށް ރައްޓެހިކޮށެވެ.

"ހަލޯ!" އިސްމާއިލް ހަޅޭއްލަވައިގަތެވެ. "ހަލޯ ހަލޯ!"

ނާޒަށް ހުރެވުނީ ފޯނު ކަންފަތުގައި ޖަހައިގެންކަން ހަނދާންވީ ދެނެވެ. އޭރު އިސްމާއިލް ރުޅިއައިސްގެން ފަޅައިގެންދަނީއެވެ.

"ކޮންމެވެސް އެސްޓީއެއް ޖައްސައިގެން ތި އުޅެނީ،" އިސްމާއިލް ބުންޏެވެ. "ބަސްމާ ގޮވައިގެން އަންނަންއުޅޭ! މަ ބުނީމެއްނު ޖިންސެއް އިސްތިރިކުރައްޗޭ! ނެތް ދޯ ހަނދާނެއް؟ މީހުން ބުނާނެ ދޯ މަ ވެސް މީ މީހަކާ އިނދެގެން އުޅޭ މީހެކޭ."

ނާޒަށް އެއްޗެއް ބުނެވުމުގެ ކުރިން އިސްމާއިލް ފޯނު ކަނޑައިލިއެވެ. ދެން ނާޒް ގުޅީމައި ފޯނެއް ނުނެގިއެވެ. އިސްމާއިލަށް ވެސް އެ ވާހަކަ ގަބޫލު ނުކުރެވުނީއެވެ. މާލެއަކީ ކުޑަކުދިން ގެއްލޭ ތަނެއް ނޫނެވެ. އަނެއްކޮޅުން ބަސްމާއަކީ ކޮންމެކޮންމެ މީހެއްގެ ބަހަށް ހެއްލޭ ކަހަލަ ކުއްޖެއް ނޫނެވެ. އެކަނި ގެއިން ބޭރަށް ނުކުންނަށް ކެރޭ ކުއްޖެއް ވެސް ނޫނެވެ.

"ބަސްމާ!" ނާޒަށް ރޮވޭ ގޮތް ވިއެވެ.

ބަސްމާ ހުރި ނަމަ ނާޒް ނުވަތަ ސައުދާގެ އަޑު އިވޭ ވަރަށް އެ މީހުން ގޮވިއެވެ. ކަޅުކުލައިގެ ހެދުން ލީ ކުއްޖާއެއް ވެސް ނެތެވެ. ނާޒް ބިރުގަންނަން ފެށިއެވެ. ބަސްމާ ވީ ކޮންތާކު ހެއްޔެވެ؟ ފުލުހުންނަށް ގުޅީ ސައުދާގެ ފޯނުންނެވެ. ވަރަށް އަވަހަށް ފުލުހުން އައެވެ. ފުރަތަމަ އައީ ހަތަރު ފުލުހުންނެވެ. އޭގެ ފަހުން ބަހެއްގައި ނުވަ މީހުން އައެވެ. ބަސްމާ ލައިގެންހުރި ހެދުމާއި އެ ފަދަ އެތައް މަޢުލޫމާތެއް ހޯދުމަށް ފަހު އެންމެން އެކި ދިމަދިމާއަށް ބެހިލިއެވެ. އެ ޕާކުގައި ހަތަރު ކެމެރާ ހަރުކޮށްފައި ހުއްޓެވެ. ތިން ފުލުހަކު އެ ދިމާއަށް ވެސް ދިޔައެވެ. ނާޒަށް ގިސްލެވެން ފެށިއެވެ. ހިތްވަރުދިނުމުގައި ސައުދާ ސާބިތުވެ ހުއްޓެވެ. ނާޒަށް ހީވަނީ ހުވަފެނެއް ހެންނެވެ. ހުރިހައި ކުޑަކުދިންގެ ތެރެއިން ހަމައެކަނި ނާޒްގެ ދަރިފުޅު ގެއްލެންވީ ކީއްވެ ހެއްޔެވެ؟ އިރުކޮޅަކުން ފުލުހުންގެ މީހަކު ނާޒް ބަލާ އައެވެ. އޭނަޔާ އެކުގައި ނާޒް ވަނީ ކައިރީގައި ހުރި އިމާރާތަކަށެވެ. އެއީ ކުޑަ ވަރެއްގެ އޮފީހެކެވެ. ވަރަށް ބޮޑު ޓީވީއެއް ހުއްޓެވެ. ޓީވީ ކައިރީގައި ހުރި ގޮނޑީގައި ނާޒް ބައިންދައިފައި ދައްކައިލީ ސީސީޓީވީ ކެމެރާއަކަށް ނެގިފައިވާ މަންޒަރެކެވެ. ފެންނަނީ، ކުޑަކުޑަ އަންހެންކުއްޖެއްގެ އަތުގައި ހިފައިގެން ފުރާވަރުގެ އަންހެންކުއްޖަކު ކާނިވަލުން ނުކުންނަ ތަނެވެ. މަންޒަރު ނެގިފައިހުރީ ފުރަގަހުންނެވެ. ބޮޑަށް ހުރި އަންހެން ކުއްޖާ ހުރީ ކަޅުކުލައިގެ ޖިންސަކާއި ކަޅު ގަމީހެއް ލައިގެންނެވެ. ކަރުގައި ދޯޕައްޓާއެއް އޮތެވެ. އޭނަ ހުރީ ކުޑަކުއްޖާގެ އަތުގައި ހިފައިގެންނެވެ.

"އޭނަ އެ ގެންދަނީ މަގޭ ބަސްމާ!" ނާޒަށް ހަޅޭއްލަވައިގަނެވުނެވެ.

ނުނިމޭ