ރީތިކަމުން މަޝްހޫރު ވުމުން މުސާރަ ކުޑަކޮށްފި
ރީތިކަމުން މަޝްހޫރު ވުމުން މުސާރަ ކުޑަކޮށްފި

ޗައިނާގެ އެއާޕޯޓެއްގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެ އެތައް ބައެއްގެ ހިތުން ޖާގަ ލިބުނު ނަމަވެސް އެއާޕޯޓުގެ ވެރިންގެ ސަމާލުކަމަށް އައުމާ އެކު އެ މުވައްޒަފުގެ މުސާރަ ކުޑަކޮށްފި އެވެ.

ޝިއަމަން އެއާޕޯޓުގައި ޓެކްނީޝަނެއްގެ ވަޒީފާ އަދާކުރާ މި މީހާގެ ވީޑިއޯ ވައިރަލްވީ މަތިންދާބޯޓެއްގައި އިން މީހަކަށް މި ޓެކްނީޝަންގެ ރީތިކަން ފެނި ސޯޝަލް މީޑިއާއަށް ވީޑިއޯ ދޫކޮށްލުމާ އެކުގަ އެވެ. އެ ވީޑިއޯގައި ފެންނަނީ އަވިއައިނެއް އަޅައިގެން ނޮއިސް ކެންސަލިން ހެޑްސެޓެއް އަޅައިގެން، ޖީބަށް އެއް އަތް ޖަހައިގެން ހިނގާލާފައި އަންނަނިކޮށެވެ.

ޗައިނާގެ ސޯޝަލް މީޑިއާގައި ވައިރަލްވި މި ވީޑިއޯ ފެނުނު އެއްބަޔަކު ބުނަނީ މި މީހާ ސައުތު ކޮރެއާގެ މަޝްހޫރު އެކްޓަރު ސޮންގް ޖޫންގް ކީ އާ ވަރަށް ވައްތަރު ކަމަށެވެ.

ކުއްލިއަކަށް ލިބުނު މަޝްހޫރު ކަމުގައި މި މީހާ ހެވިފައި ހުއްޓާ މުސާރައިން 10 ޕަސެންޓް އުނިކުރަން އެއާޕޯޓްގެ ވެރިން ނިންމީ އެއާޕޯޓްގެ "ކޯޑް އޮފް ކޮންޑަކްޓް" އާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެއީ ހަޑިކޮށް ޔުނިފޯމް އަޅާފައި ހުރުމާއި ޖީބަށް އަތް ޖަހައިގެން ހުރުމުންނެވެ. މިއީ ބޮޑު އަދަބެއް ދޭންޖެހޭ ކަމެއްގެ ގޮތުގައި ތަނުގެ ވެރިންނަށް ގަބޫލުކުރެވުނަސް މި އަދަބާ މެދު ޗައިނާގެ ސޯޝަލް މީޑިއާގައި އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އަނެއްކޮޅުން މި އަދަބު ލިބުނު މީހާއަށް މިއީ ބޮޑު ކަމަކަށް ނުވި އެވެ.

"ހަމަ ތެދަށް މި ބުނަނީ. ކުއްލިއަކަށް ބޮޑު މަޝްހޫރު ކަމެއް ލިބުމަކީ ވާނެ ކަމެއް ނޫން. އެކަމަކު އެކަން ވެއްޖެ. ވަޒީފާ އަދާކުރާ ކުންފުނިން ކަމެއް ގޯސްކޮށް ކުރި ކަމަކަށް ނުދެކެން. ޑްރެސްކޯޑާ އެއްގޮތަށް ޔުނިފޯމް އަޅާފައި ނެތުމަކީ އަހަރެން ކުރި ކުށެއް،" ނޫހަކަށް ދިން އިންޓަވިއުއެއްގައި އެ މީހާ ބުނެފައިވެ އެވެ.

މިކަން ބޮޑު މަޖާގަނޑަކަށް ވެފައި ވާއިރު، ވީޑިއޯ އަޕްލޯޑްކުރި މީހާއަށް އެއްޗެހި ކިޔައިގެން ނުވާނެ ކަމަށް ބުނެ އެއްބަޔަކު ދަނީ ޖޯކު ޖަހަމުންނެވެ. އެ މީހުން ބުނަނީ ވީޑިއޯ އާންމުކުރީ ޔުނިފޯމް އަޅާފައި ހުރި ގޮތް ދައްކަން ނޫން ކަމަށެވެ.