އޭޝިޔާގެ ދެ ވަނަ އަށް އެންމެ މުއްސަނދި މީހާ ރިޓަޔާ ކުރަނީ
އޭޝިޔާގެ ދެ ވަނަ އަށް އެންމެ މުއްސަނދި މީހާ ރިޓަޔާ ކުރަނީ

ހޮން ކޮން (މާޗް 17) - އޭޝިއާގައި ދެ ވަނަ އަށް އެންމެ މުއްސަނދި މީހާ ހޮން ކޮންގެ ލީ ކާ-ޝިން ވިޔަފާރިން އިސްތިއުފާ ދޭން ނިންމައިފި އެވެ.

އުމުރުން 89 އަހަރުގެ ލީގެ މިލްކިއްޔާތުގައި 35.3 ބިލިއަން ޑޮލަރު ހުރިކަމަށް ފޯބްސް މަޖައްލާ އިން ބުނެފައިވެ އެވެ. އޭނާ އިސްތިއުފާ ދިނުމަށް ފަހު ވިޔަފާރި ހަވާލު ކުރާނީ ދޮށީ ދަރިފުޅު ވިކްޓަ ލީ އަށެވެ. ފޯބްސް އިން ބުނި ގޮތުގައި ލީ އަށް ފަހު ދެން އޭޝިއާގެ އެންމެ މުއްސަނދި މީހަކީ އިންޑިއާގެ މުކޭޝް އަމްބާނީ އެވެ. ޒުވާން ދުވަސްވަރު ފެކްޓަރީތަކުގެ ތަޅުންގަނޑު ސާފު ކުރަން އުޅުނު ލީއަކީ ފޯބްސްގެ މި އަހަރުގެ މުއްސަނދިންގެ ލިސްޓުގެ 23 ވަނަ އެވެ.

ލީގެ ވިޔަފާރީގެ ކާމިޔާބުކަމާ ގުޅުވައިގެން ވަނަމަކަށް އޭނާ އަށް ކިޔަނީ "ސުޕަމޭން" އެވެ. ބަނދަރު ހިންގުމާއި މުވާސަލާތީ ފަދަ ދާއިރާތަކުގައި އޭނާ ވަނީ އިންވެސްޓްކޮށްފަ އެވެ.

ލީގެ ސީކޭ ހަޗިސަން ހޯލްޑިންސް އަދި ސީކޭ އެސެޓް ހޯލްޑިންސްގެ ވިޔަފާރި 50 އަށް ވުރެ ގިނަ ގައުމުގައި ހިންގަ އެވެ. އޭނާގެ ކުންފުނިތަކުގައި ތިން ލައްކަ އަށް ވުރެ ގިނަ މީހުން ވަޒީފާ އަދާކުރެ އެވެ. ލީގެ ދެ ކުންފުނީގެ މާކެޓް ކެޕިޓަލައިޒޭޝަން 80 ބިލިއަން ޑޮލަރަށް ވުރެ މައްޗެވެ. ލީ ގެންދަނީ ތައުލީމާއި ސިއްހީ މަޝްރޫއުތަކަށް އެތަައް ބިލިއަން ޑޮލަރެއް ހޭދަކުރަމުންނެވެ.