17 މާޗް 2018 - 16:06

ޓަސްމޭނިއާ (މާޗް 17) - އޮސްޓްރޭލިއާގެ ސްޓޭޓެއްގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އަންހެން މެންބަރުންނަށް ފުރަތަމަ ފަހަރަށް ލިބިއްޖެ އެވެ.
އޮސްޓްރޭލިއާގެ އެންމެ ކުޑަ ސްޓޭޓް ކަމަށްވާ ޓަސްމޭނިއާގައި މި މަހު 3 ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތް ނިމުނީ މި ހަފުތާގަ އެވެ. ޓަސްމޭނިއާގެ ހައުސް އޮފް އެސެމްބްލީ އަށް 13 އަންހެނުން އިންތިޚާބުވި އިރު ފިރިހެން މެންބަރުންގެ އަދަދަކީ 12 އެވެ. އޮސްޓްރޭލިއާގެ ބައެއް ސިޔާސީ ފަރާތްތަކުން ދަނީ އެކަން ފާހަގަ ކުރަމުންނެވެ. ޓަސްމޭނިއާގައި 2014 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ގާނޫނު ހަދާ މަޖިލީހަށް ހޮވިފައި ވަނީ ނުވަ އަންހެން މެންބަރުންނެވެ.
އޮސްޓްރޭލިއަން ކެޕިޓަލް ޓެރިޓަރީ (އޭސީޓީ) ގެ 2016 ވަނަ އަހަރުގެ އިންތިޚާބުގައި އަންހެން މެންބަރުން ވަނީ އަޣުލަބިއްޔަތު ހޯދައިފަ އެވެ. އެކަމަކު އެއީ ސްޓޭޓެއް ނޫނެވެ. އޮސްޓްރޭލިއާގެ ފެޑެރަލް ޕާލަމެންޓަށް ވުރެ ޓަސްމޭނިއާ އާއި އޭސީޓީގެ ގާނޫނު ހަދާ މަޖިލީހުގައި ނިސްބަތުން އަންހެން މެންބަރުން ގިނަ އެވެ. ފެޑެރަލް ޕާލަމެންޓުގެ 70 ޕަސެންޓަކީ ފިރިހެނުންނެވެ.
ވޯލްޑް އިކޮނޮމިކް ފޯރަމްގެ މިދިޔަ އަހަރުގެ ގްލޯބަލް ޖެންޑާ ގެޕް އިންޑެކްސް ދައްކާ ގޮތުން ދުނިޔޭގެ ޕާލަމެންޓްތަކުގައި އަންހެނުންގެ ނިސްބަތަކީ 28 ޕަސެންޓެވެ.