އިސްލާމް ދީނަކީ ޖަރުމަނަށް އޮތް ދީނެއް ނޫން: މިނިސްޓަރު
އިސްލާމް ދީނަކީ ޖަރުމަނަށް އޮތް ދީނެއް ނޫން: މިނިސްޓަރު

ބާލިން (މާޗް 17) - އިސްލާމް ދީނަކީ ޖަރުމަނަށް އޮތް ދީނެއް ކަމަށް ގަބޫލް ނުކުރެވޭ ކަމަށް އެ ގައުމުގެ ދާޚިލީ ވަޒީރު ހޯސްޓް ޒީހޯފާ ވިދާޅުވެއްޖެ އެވެ.

އޭނާ އަކީ ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލްގެ ރެފިއުޖީ ސިޔާސަތާ އަބަދުވެސް ދެކޮޅު ހައްދަވަމުން ގެންދަވާ ބޭފުޅެކެވެ. ރެފިއުޖީންގެ ގޮތުގައި މުސްލިމުން ޖަރުމަނަށް އެތެރެވުމަށް ޒީހޯފާ ކުރިން ވެސް ގެންދިޔައީ ނުރުހުންވަމުންނެވެ.

ޖަރުމަނުގައި އެންމެ މަޝްހޫރު އެއް ނޫސް ކަމަށްވާ ބިލްޑް އަށް ދެއްވި އިންޓަވިއުއެއްގައި ޒީހޯފާ ވިދާޅުވީ ޖަރުމަނަކީ ކްރިސްޓިއަނުންގެ ގައުމެއް ކަމަށާއި އެ ގައުމުގެ އެ ސަގާފަތާއި އާދަ ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.

"އަހަރެމެންގެ ތެރޭގައި އުޅޭ މުސްލިމުން ވެސް ނިސްބަތްވާނީ ޖަރުމަނަށް. އެކަމަކު އޭގެ ސަބަބުން ޖަރުމަނުގެ އާދަކާދަ ދޫކޮށްލައިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ. "މުސްލިމުން ވެސް އުޅެން ޖެހޭނީ އަހަރެމެންނާ އެކު."

ޒީހޯފާ ވިދާޅުވި ޖަރުމަނަށް ހިމާޔަތް ހޯދަން ހުށަހަޅާ މީހުންގެ ތެރޭން ރިޖެކްޓް ކުރާ މީހުން ގައުމުން ބޭރުކުރުމުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ.

ޖަރުމަނަށް އެތެރެވޭ މީހުންގެ މައްސަލަ ބޮޑުވުމުން 2015 ވަނަ އަހަރު ކުރި އިހްތިޖާޖްތަކުގައި މާކެލް ވިދާޅުވެފައި ވަނީ އިސްލާމް ދީނަކީ ވެސް ޖަރުމަނުގެ ބައެއް ކަމަށެވެ. ސީރިއާ އިން ހިމާޔަތް ހޯދާ މީހުންނަށް ޖަރުމަނުން 2015 ވަނަ އަހަރު ފުރުސަތު ހުޅުވާލުމުން އެއް މިލިއަން މީހުން އެ ގައުމަށް އެތެރެވެފައިވެ އެވެ. މާކެލް އިއްޔެ ވެސް ވިދާޅުވެފައި ވަނީ އެކި ދީންތަކުގެ މީހުން އެކުގައި ޖަރުމަނުގައި އުޅެވެން ޖެހޭނެ ކަމަށެވެ.

"ޖަރުމަނުގައި އޮތީ ކްރިސްޓިއަނުންނާއި ޔަހޫދީންގެ ނުފޫޒް. އެކަމަކު މި ގައުމުގައި ހަތަރު މިލިއަން މުސްލިމުން ދިރިއުޅޭ. އެ މީހުންގެ ދީނަކީ އިސްލާމް ދީން ކަމަށްވާ އިރު އެ މީހުން ވެސް ނިސްބަތްވަނީ ޖަރުމަނަށް،" މާކެލް ވިދާޅުވި އެވެ.