18 މާޗް 2018 - 06:42

އާޓިސްޓިކް ހުނަރެއްވިއްޔާ އޭގައި ސަލްމާން ހާންގެ އަތް ހޭކެން ވާނެ އެވެ. އެހެންވެ އަނެއްކާ ވެސް އާ ކަމެއް ތަޖުރިބާއެއްކޮށްލީ އެވެ. މި ފަހަރު ލަވައެއް ލިޔުނީ އެވެ. އޭނާ ވަނީ މީގެ ކުރިން ލަވަ ވެސް ކިޔައިފަ އެވެ. އެގޮތުން "ކިކް" އާއި "ހީރޯ" އަށް ސަލްމާންގެ އަޑުން ލަވަ ކިޔާފައިވެ އެވެ.
ސަލްމާން މިހާރު ކުޅެމުން އަންނަ ފިލްމް "ރޭސް 3" ގެ ލަވައެއްގެ ޅެން ވަނީ އަމިއްލަ އަށް ހަދައިފަ އެވެ. އެ ލަވައަކީ ވަރަށް ރޮމޭންޓިކް މިއުޒިކަކަށް ހަދާފައިވާ ލޯބީގެ ލަވައެކެވެ.
ލަވައާ ބެހޭ ގޮތުން "ރޭސް 3" ގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ބުނީ ސަލްމާން ލިޔުނު ޅެން ވަރަށް ފުރިހަމަވެފައި ޖަޒުބާތުތަކުން ފުރިފައިވާ ކަމަށެވެ.
"އަހަރެމެން ހަމަ ބޭނުންވި ގޮތަށް ސަލްމާން ލަވަ ލިޔެފައި އޮތީ. އެހެންވެ ރޭސް ތިނެއް ވެގެން ދާނީ ރަސްމީކޮށް ފުރަތަމަ ފަހަރަށް ފިލްމެއްގެ ލަވައެއްގެ ޅެން ހަދައިގެން ސަލްމާނަށް ކްރެޑިޓް ލިބޭ ފަހަރަށް،" އޭނާ ބުންޏެވެ.
ސަލްމާން ލިޔުނު ލަވައިގެ މިއުޒިކް ހަދާފައި ވަނީ ވިޝާލް މިޝްރާ އެވެ. "ރޭސް 3" ގެ ފަހު ޝޫޓިން ޝެޑިއުލް މިހާރު އަބޫދާބީގައި ކުރިއަށްދާ އިރު، އިންޑިއާ އަށް ކްރޫ އާއި ކާސްޓް އެނބުރި އަންނަނީ ރޮމޭންޓިކް ލަވައިގެ ޝޫޓިން ވެސް ނިންމައިގެންނެވެ.
ރެމޯ ޑި ސޫޒާ ޑައިރެކްޓް ކުރާ "ރޭސް 3" ގެ ކާސްޓުންގެ ތެރޭގައި ޖެކްލީން ފެނާންޑޭޒް، ބޮބީ ޑިއޯލް، ޑެއިޒީ ޝާހް، ސާގިބް ސަލީމް، ސޮނާކްޝީ ސިންހާ އަދ އަނިލް ކަޕޫރް ހިމެނެ އެވެ.
މި ފިލްމް ސިނަމާތަކަށް އަންނާނީ ކުރިއަށް އޮތް ފިތުރު އީދާ ދިމާކޮށް، ޖޫން 15 ގަ އެވެ. "ރޭސް 3" ގެ މޯޝަން ލޯގޯ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.