17 މާޗް 2018 - 14:57

ފުލުހުންގެ ޔުނީފޯމް ލައްވައިގެން ގޭންގްތައް މާލޭގެ މަގުތަކަށް ރޭ ނެރުއްވި ކަމަށް ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ރައްދު ދެއްވައިފި އެވެ.
ރޭ މުޒާހަރާގައި އެތައް ބަޔަކު ހައްޔަރުކުރަން ފެށުމާ އެކު ނަޝީދު ކުރެއްވި ޓުވީޓުގައި ވަނީ ފުލުހުންގެ ޔުނީފޯމުގައި ގޭންގުތަކުގެ 45 މީހަކު ނެރިިއްޖެ ކަމަށާއި އޭގައި އިސްކޮށް ހުންނެވީ ކުރީގެ ސީޕީ ހުސަން ވަހީދު ކަމަށެވެ. އެހެންވެ ސިފައިންނާއި ފުލުހުން ރައްޔިތުންގެ ހިމާޔަތުގައި ނުކުތުމަށް ރައީސް ނަޝީދު ގޮވާލެއްވި އެވެ.
އެ ޓްވީޓަށް ރައްދު ދެއްވައި ހުސައިން ވަހީދު ކުރެއްވި ޓުވީޓުގައި ފުރަތަމަ ވެސް އެއްސެވީ "ސާ، މޮޔަފުޅުވީތޯ" އެވެ. އޭގެ ފަހުން ލިއުއްވީ އޭނާއަށް ބަޔަކު ނެރެން ނުޖެހޭ ކަމަށެވެ.
"ދިވެހި ސިފައިންނާއި ފުލުހުންގެ ކިބާގައި މަގުތައް އަމާންކުރުމުގެ ގާބިލްކަން ހުންނާނެ،" ހުސެން ވިދާޅުވި އެވެ.
"އެ ބޭފުޅުން އެކަން ކުރައްވާނެ."
ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކޮށް، 13 އަހަރަށް ޖަލަށް ލީ ކޮމިޝަނަރަކަށް ހުސެން ވަހީދު ހުންނަވަނިކޮށެވެ. އެކަމަކު 2015 ގައި ރައީސްގެ ރަސްމީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު ފުލުހުންގެ އިދާރާއަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހުސެން ވަހީދު ވަނީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހަމަޖައްސައިފަ އެވެ.
ރޭގެ މުޒާހަރާގައި އިދިކޮޅު ކޯލިޝަންގެ އެއް ލީޑަރު، އަދި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ އެހެން ދެ މެމްބަރުން ކަމަށްވާ އަލީ އާޒިމާއި ހުސެން މުހައްމަދާ އެކު 141 މީހަކު ހައްޔަރުކޮށްފައިވެ އެވެ.
ރޭގެ މުޒާހަރާގައި އެހެން ރޭރެއަށް ވުރެ ގިނަ އަދަދަށް މީހުން ބައިވެރިވި އެވެ. ޖުމްހޫރީ މައިދާނަށް ވަންނަން އުޅުނު މީހުން ފަހަތަށް ޖައްސައި، މުޒާހަރާ ރޫޅާލީ އެންމެ ފަހުން ކަރުނަ ގޭސް ވެސް ޖަހައިގެންނެވެ.