18 މާޗް 2018 - 06:41

ބޮލީވުޑްގެ ފިލްމްތަކުން ވެސް ފެންނަ އިންޑިއާގެ ސައުތު ފިލްމް އިންޑަސްޓްރީގެ މަޝްހޫރު ބަތަލާ ޝްރިޔާ ސަރަން ކައިވެނިކޮށްފި އެވެ.

އޭނާ ކައިވެނިކުރަން އުޅޭ ވާހަކަތައް ދާދި ފަހުން ދޮގުކޮށްފައި ވަނިކޮށް މީޑިއާތަކުން މިހާރު ރިޕޯޓްކޮށްފައިވާ ގޮތުގައި ޝްރިޔާ ކައިވެނިކުރީ މި މަހުގެ 12 ވަނަ ދުވަހު އޮތް ސިއްރު ހަފުލާއެއްގަ އެވެ. އޭނާ ކައިވެނި ކުރީ ރަޝިއާގެ ވިޔަފާވެރިއެއް ކަމަށްވާ އަންދްރޭ ކޮޒްޗީވްއާ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މުމްބާއީގެ ބޭއްވި ކައިވެނި ހަފުލާގައި ބައިވެރިވީ ހަމައެކަނި އާއިލާގެ މީހުންނާއި އަވަށްޓެރިންގެ ތެރެއިން ވެސް ޝްރިޔާގެ ވަރަށް ގާތް ބައެއް މީހުންނެވެ. ހަފުލާގައި ބައިވެރިވި ހަމައެކަނި ފިލްމީ ތަރިއަކީ މަނޯޖް ބަޖްޕާއީ އެވެ.
ރަޖްނީކާންތުއާ އެކު "ސިވާޖީ" ފަދަ ފިލްމްތައް ކުޅެފައިވާ ޝްރިޔާ، 35، އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ އަޖޭ ދޭވްގަންއާ އެކު، 2015 ގައި ކުޅުނު "ދްރިޝަމް" އެވެ.
އޭނާ ކުޅެފައިވާ އިތުރު ހިންދީ ފިލްމްތަކުގެ ތެރޭގައި އިމްރާން ހާޝިމީއާ އެކު ކުޅުނު އާވާރާޕަން (2007)، ވިވެކް އޮބެރޯއީއާ އެކު ކުޅުނު މިޝަން އިސްތަންބޫލް (2008) އަދި އަކްޝަޔޭ ކަންނާއާ އެކު ކުޅުނު ގަލީ ގަލީ ޗޯރް ހޭ (2012) ފާހަގަކޮށްލެވެ އެވެ.