17 މާޗް 2018 - 12:30

ޗައިނާގެ ރައީސް ޝީ ޗިންޕިން، ދެ ވަނަ ދައުރަކަށް އިންތިހާބުވުމުން، ރައީސް އަބްދުﷲ ޔާމީން މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ރައީސް ދެ ވަނަ ދައުރަކަށް އިންތިހާބު ކޮށްފައިވަނީ މިއަދެވެ. އަދި މިދިޔަ އާދިއްތަ ދުވަހު ޗައިނާގެ ރައްޔިތުންގެ މަޖިލީހުން ވަނީ އެގައުމުގެ ރައީސްކަން އެކަކަށް ކުރެވޭނީ ދެ ދައުރު ކަމަށް އޮތް އޮތުން ބާތިލްކޮށްފަ އެވެ. މިއީ ބޭނުން ދުވަހެއް ވަންދެން ޗައިނާގެ ރައީސްގެ މަގާމުގައި ޝީއަށް ހުންނެވޭނެ ގޮތް ހަދަން ގެނައި ބަދަލެއް ކަމަށް، ތަޖުރިބާކާރުން ބުނެ އެވެ،
ޝީއަށް މަރުހަބާ ވިދާޅުވެ ރައީސް ޔާމީން ފޮނުއްވި މެސެޖުގައި ވަނީ ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ޗެއާމަން ކަމަށް އިންތިހާބު ވުމުން އެކަމަށް ވެސް ޝީއަށް ވަނީ މަރުހަބާ ދައްނަވާފަ އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ދެ ވަނަ ދައުރަކަށް ޝީ އިންތިހާބުވެވަޑައިގަތުމުން އެނގެނީ ވޭތުވެދިޔަ ފަސް އަހަރު ޗައިނާ ކުރިއަރުވަން ޝީގެ ލީޑާޝިޕުގެ ދަށުން ކޮށްފައިވާ މަސައްކަތްތައް ބަލައިގެންފައިވާ ކަމެވެ.
މިއީ "ޗައިނީސް ޑްރީމް" ހަގީގަތަކަށް ހެއްދެވުމަށްޓަކައި ޝީ ގެންގުޅުއްވާ ތަސައްވުރަށް އިތުބާރު އޮތްކަން ދައްކައިދިން ވޯޓެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޗައިނާއާ އެކު ރާއްޖެ އިން ދެމެހެއްޓި 45 އަހަރުގެ ސިޔާސީ ގުޅުން ވޭތުވެދިޔަ ފަސް އަހަރު ވަނީ އިތުރަށް ބަދަހިވެފަ އެވެ.
ޗައިނާ އަކީ ރައީސް ޔާމީންގެ ހާރިޖީ ސިޔާސަތުގައި އެންމެ ގާތް ގައުމެވެ. ރާއްޖޭގައި ހިންގާ ބޮޑެތި ޕުރޮޖެކްޓްތައް ހަވާލުކޮށްފައިވަނީ އެ ގައުމުގެ ކުންފުނިތަކާ އެވެ. އޭގެ ތެރޭގައި ހުޅުލެ އާއި މާލެއާ ދޭތެރޭ އަޅާ ބުރިޖު ފާހަގަކޮށްލެވެ އެވެ.
ޗަައިނާގެ ރައްޔިތުންގެ މަޖިލިހަކީ އެ ގައުމުގައި އޮންނަ ހަމައެކަނި ޕާޓީ، ކޮމިޔުނިސްޓް ޕާޓީ ބޭނުން ގޮތަކަށް ކޮންޓްރޯލްކުރާ ތަނެކެވެ. މިއަދުގެ ވޯޓުގައި އެ މަޖިލިހުގައި ހިމެނޭ 2،970 މެމްބަރުންގެ ވޯޓު ޝީއަށް ލިބިވަޑައިގަތެވެ.