17 މާޗް 2018 - 11:13

މެޑްރިޑް (މާޗް 17) – ބަޔާން މިއުނިކުގެ ފޯވާޑް ރޮބަޓް ލެވޮންޑޮސްކީއާ އެކު ރެއާލް މެޑްރިޑުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓެއް ބުނެފި އެވެ.
އަންނަ ސީޒަނުގައި ލެވޮންޑޮސްކީ މެޑްރިޑަށް ބަދަލުވުމާ ގުޅޭ ގޮތުން އޭނާގެ އޭޖެންޓާ އެކު މެޑްރިޑުން އެއްބަސްވިއިރު ދެން އޮތީ ބަޔާން މިއުނިކުގެ ރުހުމެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާގެ އޭޖެންޓް އެއްބަސްވެފައިވަނީ ދެ އަހަރުގެ އެއްބަސްވުމެއް ހެދުމަށެވެ. އެއީ އަދި ތިން ވަނަ އަހަރަކަށް ކޮންޓްރެކްޓް ދިގު ދެންމުމަށް އޮޕްޝަނެއް ލިބޭ ގޮތަށެވެ.
ރެއާލް މެޑްރިޑުގެ ސެންޓަ ފޯވާޑް ކަރިމް ބެންޒެމާގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެންނައިރު ކުރިއަށް އޮތް ސީޒަނަށް އެ ޓީމުން ސެންޓަ ފޯވާޑެއް ގެންނާނެ ކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވެ އެވެ.
އުމުރުން 29 އަހަރުގެ ލެވޮންޑޮސްކީ ވެސް މެޑްރިޑަށް ބަދަލުވާން ބޭނުންވާ ކަމަށްވެ އެވެ. އޭނާ އަކީ މި ވަގުތު ޔޫރަޕުގައި ކުޅޭ ހުރިހާ ގޮތަކުން ވެސް އެންމެ ވަރުގަދަ އެއް ފޯވާޑެވެ. ބޮރޫޝިއާ ޑޯޓްމަންޑަށް 187 މެޗުން 103 ގޯލް ޖަހައިދިނުމަށް ފަހު ބަޔާނަށް 2014 ގައި ބަދަލުވެ 183 މެޗުން 142 ގޯލް ވަނީ ޖަހައިފަ އެވެ.