މޮރާޓާ ބާކީކޮށް ކޮސްޓާ އަށް ޖާގަ ދީފި
މޮރާޓާ ބާކީކޮށް ކޮސްޓާ އަށް ޖާގަ ދީފި

މެޑްރިޑް (މާޗް 17) – ޖަރުމަނާއި އާޖެންޓީނާއާ ދެކޮޅަށް ކުޅެން ނެގި ސްޕެއިން ސްކޮޑުން އެތުލެޓިކޯ މެޑްރިޑުގެ ފޯވާޑް ޑިއެގޯ ކޮސްޓާ ޖާގަ ހޯދިއިރު ޗެލްސީގެ އަލްވާރޯ މޮރާޓާ އަށް ޖާގަ ގެއްލިއްޖެ އެވެ.

މޮރާޓާ އަކީ ކޮސްޓާގެ ބަދަލުގައި ޗެލްސީ އަށް މި ސީޒަނުގައި ރެއާލް މެޑްރިޑުން ގެނައި ފޯވާޑެވެ. މޮރާޓާ އަށް އެދެވޭ ކުޅުމެއް ނުދެއްކޭއިރު ޖެނުއަރީ މަހު ރަސްމީކޮށް އެތުލެޓިކޯއާ ގުޅުނު ކޮސްޓާ އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

މިދިޔަ ސީޒަނުގައި ޗެލްސީން އިނގިރޭސި ލީގު ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކުރި ކޮސްޓާ ދޫކޮށްލުމަކީ އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ހެދި ގޯހެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އެކަމަށް އެންމެ ބޮޑު ބާރެއް ލިބެނީ ވެސް މޮރާޓާ އަށް ޓީމަށް މާބޮޑު ކަމެއް ނުކޮށްދެވޭތީ އެވެ. އެކަމަކު މި ފަހަރުގެ ސްކޮޑުގައި ޗެލްސީގެ ވިންގް ބެކް މާކޮސް އަލޮންސޯ އާއި ޑިފެންޑަރު ސެޒާ އަޒްޕިލިކުއެޓާ ވަނީ ހިމަނައިފަ އެވެ.

ކޮސްޓާއާ އެކު ފޯވާޑުންގެ ތެރޭގައި ހިމެނެނީ ސެލްޓާ ވީގޯގެ އިއާގޯ އަސްޕަސް އާއި ވެލެންސިއާގެ ރޮޑްރިގޯ އަދި ރެއާލް މެޑްރިޑުގެ ލޫކަސް ވަސްކުއޭޒް އެވެ.

މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އޭސީ މިލާނުގެ ސޫސޯ އާއި ލާޒިއޯގެ ލުއިސް އަލްބާޓޯ އަށް ފުރުސަތެއް ނުލިބެ އެވެ. އެކަމަކު ނަޕޯލީގެ ގޯލްކީޕަރު ޕެޕޭ ރެއިނާ އަށް ވަނީ ފުރުސަތު ދީފަ އެވެ.