ސުލޫކީ ކޮމެޓީގެ ޔައުމިއްޔާ ހުށަހަޅާ، މެމްބަރުން ވަކިކުރެވޭނީ އޭރުން: ޕީޕީއެމް
ސުލޫކީ ކޮމެޓީގެ ޔައުމިއްޔާ ހުށަހަޅާ، މެމްބަރުން ވަކިކުރެވޭނީ އޭރުން: ޕީޕީއެމް

ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އާއި ކައުންސިލް މެމްބަރު އައިމިނަތު ނާދިރާ އާއި އާއްމު މެމްބަރު ޒައިދުލްއަމީން ޕާޓީން ވަކިކުރަން ސުލޫކީ ކޮމެޓީން އަންގާފައި އޮތް ނަމަވެސް އެކަން ތަންފީޒު ކުރެވޭނީ އެކަމާ ގުޅޭގޮތުން ސުލޫކީ ކޮމެޓީން ބޭއްވި ބައްދަލުވުންތަކުގެ ޔައުމިއްޔާ ހުށަހެޅުމުން ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ސުލޫކީ ކޮމެޓީން އެ ބޭފުޅުން ވަކިކުރަން ނިންމީ ޕާޓީގެ މެމްބަރުންނަށް ތިބެގެން ޕާޓީ ނިސްބަތްވާ ސަރުކާރަށް ފާޑު ކިޔާ ކަމަށް ބުނެ އެވެ. އެކަމަކު ކޮމެޓީގެ މި ނިންމުމާ މެދު ޕީޕީއެމްގެ އޮފީހުން ވަނީ ހިޔާލުތަފާތުވެފަ އެވެ. ފާއިތުވި ދެ ހަފުތާ ތެރޭގައި މި މައްސަލައިގައި ދެ ފަރާތުން ވެސް އަންނަނީ ސިޓީތައް ބަދަލުކުރަމުންނެވެ.

ފާރިސް އާއި ނާދިރާ އާއި ޒައިދު ވަކިކުރަން ދެ ވަނަ ފަހަރަށް އެދި ސުލޫކީ ކޮމެޓީން، ޕީޕީއެމްގެ އޮފީހަށް މިދިޔަ ހަފުތާގައި ފޮނުވި ސިޓީއަށް ރައްދު ދެމުން އެ އޮފީހުން މިއަދު ކޮމެޓީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ބޭފުޅުން ވަކި ކުރުމަށް ސުލޫކީ ކޮމެޓީން ބައްދަލުވުން ބޭއްވީ، ކޮމެޓީތަކުގެ މަސައްކަތްތައް މަޑުޖައްސާލަން، ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އަންގަވާފައި ވަނިކޮށް ކަމަށެވެ. އަދި އެ ބައްދަލުވުންތައް ބޭއްވީ ވެސް ޕާޓީގެ އޮފީހުން ބޭރުގައި ކަމަށާއި ބައްދަލުވުންތަކުގެ ހާޒިރީ އާއި ޔައުމިއްޔާ އާއި މައްސަލަ ބަލާ ނިންމި ގޮތުގެ އެއްވެސް ލިޔެކިޔުމެއް ލިބިފައި ނެތް ކަމަށް ވެސް ބުނެފައި ވެ އެވެ.

"ތިޔަ ވިދާޅުވާ މެމްބަރުންގެ މައްސަލަތަކުގައި ސުލޫކީ ކޮމެޓީން ބޭއްވި ބައްދަލުވުންތަކުގެ ހާޒިރީ އާއި ޔައުމިއްޔާ އާއި މައްސަލަ ނިންމި ގޮތުގެ ލިޔެކިޔުންތައް ނުލިބި އެ ނިންމުން ތަންފީޒު ކުރެވެން ނެތް ވާހަކަ ދެންނެވީމެވެ." ޕާޓީގެ ޑެޕިއުޓީ ސެކެޓަރީ ޖެނެރަލް އަބްދުލް އަލީމް، ސުލޫކީ ކޮމެޓީއަށް ފޮނުއްވި އެ ސިޓީގައި ވިދާޅުވެފައި ވެ އެވެ.

އަދި އިސްތިއުނާފު ކުރުމުގެ ހައްގަކީ ކޮންމެ މެމްބަރަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށާއި އެކަމަކު އެ ބޭފުޅުންނަށް މައްސަލަ އިސްތިއުނާފު ކުރެވޭނީ ވެސް، ކޮމެޓީން މައްސަލަ ނިންމި ގޮތުގެ ލިޔެކިޔުންތައް ލިބިގެން ކަމަށް ސިޓީގައި ބުނެފައި ވެ އެވެ.

މި މައްސަލައިގައި ޕީޕީއެމްގެ އޮފީހުުން ކުރިން ބުނެފައިވަނީ އެ ތިން ބޭފުޅުންގެ ސުލޫކީ މައްސަލައެއް މިހާތަނަށް ޕާޓީގެ އޮފީހަށް ހުށަހަޅާފައި ނުވާ ކަމަށާއި އެހެންވެ، މިފަދަ މައްސަލައެއް ޕާޓީގެ އޮފީހުން ސުލޫކީ ކޮމެޓީ އަށް ފޮނުވާފައި ނުވާނެ ކަމަށެވެ. އަދި އަދިވެސް އެއީ ޕީޕީއެމްގެ މެމްބަރުން ކަމަށް އެ ޕާޓީން ކުރިން ބުނެފައި ވެ އެވެ.