17 މާޗް 2018 - 11:02

ޒިއުރިކް (މާޗް 17) – މި އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރަން ފީފާ ކައުންސިލުން ނިންމައިފި އެވެ.
ވީއޭއާރް އަކީ ވީޑިއޯ ރީޕްލޭ މެދުވެރިކޮށް ރެފްރީ އާއި އެސިސްޓަންޓް ރެފްރީންގެ ނިންމުންތައް ބެލޭ ސިސްޓަމެކެވެ. އެގޮތުގައި މެޗުގައި ހިނގި ކަމަކާ މެދު ސުވާލެއް އުފެދިއްޖެ ނަމަ ނުވަތަ ސުވާލެއް އުފައްދައިފި ނަމަ ވީޑިއޯ ބަލައިގެން އެ ނިންމުން ނިންމަން ނުވަތަ އަލުން ނިންމަން ފުރުސަތު ލިބޭނެ އެވެ.
ވީއޭއާރް މިހާރު ވެސް އިޓާލިއަން ލީގުގައި އަދި އިންގްލެންޑުގެ ބައެއް މުބާރާތްތަކުގައި ވެސް ބޭނުންކޮށްފައިވެ އެވެ. އަންނަ ސީޒަނުގައި ސްޕެނިޝް ލީގާއި ފްރެންޗް ލީގުގައި ވެސް ބޭނުންކުރާނެ އެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ވޯލްޑް ކަޕުގައި ރެފްރީން މުހިއްމު ނިންމުންތައް ނިންމަން ޖެހޭއިރު ބޭނުންވަނީ ރެފްރީންނަށް އެކަން ކުރުމަށްޓަކައި އާލާތްތައް ދޭން ކަމަށެވެ. އިންފަންޓީނޯ ވިދާޅުވީ ގޭގައި މެޗު ބަލަން ހުންނަ މީހާ އަށް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ރެފްރީ ހެދީ ގޯހެއްތޯ ނުވަތަ ނޫންތޯ އެނގޭއިރު އެކަން، މި ޒަމާނުގައި ރެފްރީ އަށް ނޭގި އޮވެގެން ނުވާނެ ކަމަށެވެ.
ފީފާ އިން ވީއޭއާރް އެންމެ ފުރަތަމަ ބޭނުންކުރީ 2016 ވަނަ އަހަރުގެ ކްލަބް ވޯލްޑް ކަޕުގަ އެވެ. އަދި މިދިޔަ އަހަރުގެ ފީފާ ކޮންފެޑެރޭޝަންސް ކަޕުގައި ވެސް ޓެސްޓްކުރި އެވެ.