ޕްރިޔާ އަތުގައި މޮބައިލް ފޯނެއް ނޯވޭ!
ޕްރިޔާ އަތުގައި މޮބައިލް ފޯނެއް ނޯވޭ!

ދަރިއަކު ކިތަންމެ ކާމިޔާބު އަދި މަޝްހޫރު މީހަކަށް ވިޔަސް މައިންބަފައިން ދަރިންނާ މެދު ދެކޭ ގޮތެއް ބަދަލެއް ނުވާނެ އެވެ. ފިލްމެއްގެ ލަވައެއްގައި އެއް ލޯ މަރައިލި ގޮތަކުން ބޮޑު މަޝްހޫރު ކަމެއް ލިބުނު އިންޑިއާގެ ޒުވާން ބަތަލާ ޕްރިޔާ ޕްރަކާޝް ވާރިއާއަކީ އޭނާގެ މައިންބަފައިންގެ ކައިރީގައި ހަމަ އާދައިގެ ކުއްޖެކެވެ.

މަލަޔާޅަމް ފިލްމުތަކުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ޕްރިޔާ އަށް މޮބައިލް ފޯން ގެންގުޅެން ވެސް ހުއްދައެއް ނޫނެވެ. އޭނާގެ އަތުގައި "ނަމަކަށް" ފޯނެއް އޮވެ އެވެ. އެކަމަކު އޭގައި ސިމެއް ނޯވެ އެވެ.

މިކަމާ ބެހޭ ގޮތުން ޕްރިޔާ، 19، ގެ ބައްޕަ ޕްރަކާޝް ވާރިއާ ބުނީ ދަރިފުޅާ ދޭތެރޭ އާއިލާ އިން ވަރަށް ބޮޑަށް ވިސްނާ ކަމަށެވެ. އަދި މުހިއްމު ކަމަކީ ދަރިފުޅުގެ ރައްކާތެރިކަން ކަމަށް އޭނާ ބުންޏެވެ.

"އެހެންވެ އޭނައަކަށް ހުއްދައެއް ވެސް ނޯންނާނެ އަމިއްލައަށް މޮބައިލް ފޯނު ވެސް ގެންގުޅޭކަށް،" ހަލީޖް ޓައިމްސް އަށް އޭނާ ބުންޏެވެ.

ނަމަވެސް ޕްރިޔާއަކީ އިންސްޓަގްރާމްގައި ވަރަށް އެކްޓިވް ބަތަލާއެކެވެ.

"ފޯނުން އޭނާ މީހަކާ ވާހަކަ ދައްކަން ޖެހުނަސް އަދި ކަމެއްގައި މީހަކު ޕްރިޔާ އަށް ގުޅަން ޖެހުނަސް އޭނަގެ މަންމަގެ ފޯނަށް ގުޅަން ޖެހޭނީ،" ޕްރަކާޝް ބުންޏެވެ.

"ޕްރިޔާ ނެޓް ވެސް ބޭނުން ކުރާނީ މަންމަގެ ފޯނުން. އަހަރެމެން އަދި ބޭނުމެއް ނޫން އޭނާ އަށް އެހާ ބޮޑަށް މިނިވަންކަން ދީފައި ދޫކޮށްލާކަށް."

ޕްރަކާޝް ބުނި ގޮތުގައި ޕްރިޔާ ލޯ މަރައިލާ ވީޑިއޯ އޭނާ އަށް ފެނުނީ އެކުގައި މަސައްކަތް ކުރާ މީހަކު އެ ވީޑިއޯ ފޯނުން ފޮނުވުމުންނެވެ.

"އޭގެ ސަބަބުން އޭނާ އެހާ މަޝްހޫރު މީހަކަށް ވިޔަސް އެއީ ހަމަ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ ކުއްޖެއް،" ބައްޕަ ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފިލްމު "އޮރޫ އާދާރް ލަވް"ގެ ލަވައެއްގައި ލޯ މަރައިލި ގޮތަކުން ޕްރިޔާ އަށް އަންނަނީ ގިނަ ހުށަހެޅުންތަކެއް އޮހެމުންނެވެ. އެގޮތުން ވަރަށް ގިނަ ބްރޭންޑްތައް އިޝްތިހާރު ކުރަން އޭނާ އަށް ފުރުސަތު ލިބިފައިވެ އެވެ.