ޓްރަމްޕް ޖޫނިއާގެ އަންހެނުން ވަރިވާން ކޯޓަށް
ޓްރަމްޕް ޖޫނިއާގެ އަންހެނުން ވަރިވާން ކޯޓަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕްމްގެ ދޮށީ ފިރިހެން ދަރިކަލުން ޑޮނަލްޑް ޓްރަމްޕް ޖޫނިއަ ގާތުން ވަރިވާން އަނބިކަނބަލުން ވެނެސާ ބުރާސްފަތި ދުވަހު ކޯޓަށް ހުށަހަޅުއްވައިފި އެވެ.

ދެ ބޭފުޅުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ވަކިން ދިރިއުޅުއްވަން ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް ވަކިވާން ނިންމެވި ސަބަބެއް ހާމައެއް ނުކުރަައްވަ އެވެ.

ޑޮނަލްޑް ޓްރަމްޕް ޖޫނިއަ އާއި ވެނެސާ ކައިވެނި ބައްލަވައިގަތީ 2005 ގަ އެވެ. އެ ކައިވެންޏަށް ދެ އަންހެން އަދި ތިން ފިރިހެން ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ.

ބަޔާންގައި ވަނީ ދެ ބޭފުޅުން ވަކިވެވަޑައިގަތަސް ދަރިންނަކީ ވަރަށް މުހިއްމު ބައެއް ކަމަށެވެ. އެހެންކަމުން ކުދިންގެ ކަންކަމުގައި އޮންނަން ޖެހޭ ގުޅުން އަބަދުވެސް އޮންނާނެ ކަމަށް ބަޔާނުގައިވެ އެވެ. މި އުނދަގޫ ދަނޑިވަޅުގައި މީޑިއާއިން ވެސް އެ ބޭފުޅުންގެ ޕްރައިވެސީ އަށް ސަމާލުކަން ދޭން އެދިވަޑައިގެންފައިވެ އެވެ.

ޓްރަމްޕް ޖޫނިއާއަކީ ބައްޕަ ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ކެމްޕޭނުގައި އެންމެ އިސްކޮށް އުޅުއްވި އެކެކެވެ. އަދި އިންތިހާބަށް ނުޒޫފު ފޯރުވަން ރަޝިޔާ އިން ކުރި މަސައްކަތުގައި އޭނާއަށް ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ.

ބައްޕަ ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ 45 ވަނަ ރައީސަކަށް އިންތިހާބުވުމާ އެކު، ޓްރަމްޕް އޮގަނައިޒޭޝަންގެ ވިޔަފާރިތައް މިހާރު ބަލަހައްޓަނީ ޓްރަމްޕް ޖޫނިއާ އެވެ.