17 މާޗް 2018 - 10:02

ކެރިއަރުގައި މިހާތަނަށް 50 އާ ގާތްކުރާ އަދަދަކަށް ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ޑޭވިޑް ދަވަން މުޅިން ވެސް ހަދާފައި ހުރީ ލޯބީގެ ހެއްވާ މަޖާ ފިލްމްތަކެވެ. އޭނާ އެންމެ ފަހުން މިދިޔަ އަހަރު ގެނެސް ދިން "ޖުޅްވާ 2" އަކީ އެ ލިސްޓަށް އިތުރުވި ފިލްމެކެވެ. ގިނަ ބަޔަކު ގަބޫލުކުރަނީ ވެސް 62 އަހަރުގެ ޑައިރެކްޓަރަކީ ރޮމޭންޓިކް ކޮމެޑީތައް ގެނެސް ދޭން ވަރަށް ފައްކާ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.

ކުރިން ބެލެވިފައި އޮތް ގޮތުން ދެން ވެސް ޑޭވިޑް ހަދާނީ ލޯބީގެ ކޮމެޑީ ފިލްމެކެވެ. އެއީ އޭނާ 1999 ގައި ގެނެސް ދިން ފިލްމު "ބީވީ ނަމްބާ 1" ގެ ދެވަނަ ބައި "ބީވީ ނަމްބާ 2" އެވެ.
އެކަމަކު ޑޭވިޑް މިހާރު ބުނަނީ ދެން ހަދަން ބޭނުން ވަނީ ސީރިއަސް ފިލްމެއް ކަމަށެވެ. އަދި އެކަހަލަ ހިޔާލެއް އައީ އޭނާގެ ފިރިހެން ދަރިފުޅު އަދި ބޮލީވުޑްގައި މިހާރު ހުރި އެންމެ ކާމިޔާބު ޒުވާން އެއް އެކްޓަރު ވަރުން ދައްކަމުން އަންނަ ކުޅަދާނަކަމުގެ ސަބަބުންނެވެ.
ވަރުން ކެރިއަރަށް ބަލާ އިރު ވަރަށް ސީރިއަސް ދެ ފިލްމެއްގައި މަސައްކަތްކޮށް، އޭނާގެ ހުނަރު ވަނީ ވަރަށް ފުރިހަމަ އަށް ދައްކާލައިފަ އެވެ. އެއީ 2015 ގައި ރިލީޒް ކުރި "ބަދްލާޕޫރް" އާއި އަންނަ މަހުގެ 13 ގައި ރިލީޒް ކުރާ "އޮކްޓޯބާ" އެވެ. ސުޖިތު ސިރްކާސް ޑައިރެކްޓްކޮށްފައިވާ "އޮކްޓޯބާ" ގެ ޓްރެއިލާ ބަލާފައި ޑޭވިޑް ބުނީ އޭނާގެ ދަރިފުޅުގެ ހޮވުންތަކާ ދޭތެރޭ ބުނާނެ އެއްޗެއް ވެސް ނޭނގޭ ކަމަށެވެ.
"ވަރުންގެ ހޮވުންތަކަށް ބަލާ އިރު، އޭނާ އަންނަނީ ރިސްކް ނަގަން ކެރޭ އެކްޓަރެއްކަން ސާބިތުކޮށް ދެމުން. އޭނާ ދައްކަމުން އަންނަ ހުނަރާ މެދު އަހަރެން ވަރަށް ފަހުރުވެރިވަން،" ޑޭވިޑް ބުންޏެވެ.
"އެހެންވެ މިހާރު އަހަރެން ވެސް ނިންމައިފިން ވަރުން ލައިގެން ސީރިއަސް ފިލްމެއް ހަދަން. މާ ލަސްތަކެއް ނުވެ އެ މަސައްކަތް ފަށާނަން. ވަރުންގެ ސަބަބުން އަހަރެންގެ އާންމު ފޯމިއުލާ ދޫކޮށްލައި، ސީރިއަސް ފިލްމެއް ހަދަން ވަރަށް ބޮޑަށް ހިތްވަރު ލިބިއްޖެ."
ވަރުން ފިލްމު ކުޅެން ފެށި ފަހުން، ޑޭވިޑްގެ ފިލްމްތަކުގައި މިހާރު ލީޑް ރޯލް ކުޅެނީ ވެސް އޭނަ އެވެ. އެގޮތުން "ޖުޅްވާ 2" ގެ އިތުރުން 2014 ގައި ރިލީޒް ކުރި "މޭ ތޭރާ ހީރޯ" ގެ ބަތަލަކީ ވެސް ވަރުން އެވެ.
ކުރިން ޑޭވިޑް ފިލްމުތަކުގައި އާންމުކޮށް އުޅެނީ ގޯވިންދާ އާއި ސަލްމާން ހާނެވެ.