16 މާޗް 2018 - 21:00

މަސް މާރުކޭޓާއި ލޯކަލް މާރުކޭޓް ސަރަހައްދަށް އެއްވި އެންމެން ފަހަތަށް ޖައްސައި ފޮނުވާލައިފި. އޭގެ ކުރިން، ވަރަށް ބާރު އަޑަކާއެކު ކަރުނަ ގޭސް އަނެއްކާ ވެސް ޖަހައިފި.

ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް: ތަނަކަށް އެއްވެގެން ވެރިކަން ވެއްޓޭ ނަމަ ރައީސް މައުމޫންގެ ވެރިކަން ވެސް ވެއްޓުނީސް. ރައީސް ނަޝީދުގެ ވެރިކަން ވެސް ވެއްޓުނީ އަމިއްލަ އަށް އިސްތިއުފާ ދިނީމާ. ގަޓެއް ހުރިއްޔާ ރާއްޖެ އައިސް ބަލަ. މިއީ މުސްތަގިއްލު ގައުމެއް ކަމަށް ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން މިތިބެނީ އަބަދުވެސް މަސައްކަތުގައި.

ކާނަލް ނަޝީދު: އަސްކަރިއްޔާ އަށް ފުރިހަމަ ޔަގީންކަން އެބައޮތް. ގްރީން ޒޯނަށް ވަދެވޭނެ ކަމުގެ ނަނާހުވަފެން ބަލާނެ ކަމެއް ނެތް. އެމްޑީޕީ މި ސިފަކުރެވެނީ މާކެޓް ކުރާ ފާމެއްގެ ގޮތުގައި. ވެރިކަން ވައްޓާނެ ގޮތެއް އެމްޑީޕީގެ އިސް ސަފުގައި އުޅޭ މީހުންނަށް އެނގޭ ހެނެއް ހިއެއް ނުވޭ.

ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް): މިރޭ ވެސް މި ފެނުނީ ޓިޕިކަލް އެމްޑީޕީގެ މުޒާހަރާއެއް. ފްރޮންޓްލައިނަކުން އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅެއް ނުފެނުނު. ގައުމީ މަޖިލީހުގެ މެމްބަރެއް ވެސް ނުފެނުނު. މޭޑޭގެ މުޒާހަރާ އަށް ވީ ގޮތް މި ފެނުނީ. މި މުޒާހަރާ އަށް ރަށްރަށުން އަންނާނެ ކަމަށް އުންމީދު ކުރި މިންވަރަށް ވެސް މީހުން ނައި.

ނިހާން: ދިވެހި ސިފައިންނަކީ ވަކި ޑިސިޕްލިން އެއްގައި ތިބޭ ބައެއް. ސިފައިން މާ ގިނައިރަކު ބަލާކަށް ނުތިބޭނެ. ސިފައިންނާ ކުރިމަތިލާން ވަޑައިނުގަންނަވާ. ތިޔަ ހައްދަވަނީ ގޯހެއް. ފުލުހަކަށް މިހާރު ވެސް ވަނީ އަނިޔާވެފައި. ޕީސްފުލް ޕްރޮޓެސްޓެއް ކަމަށް ދައްކަން އެބައުޅޭ. އެކަމަކު ވެހިކަލެއްގައި ރޯކޮށްފި. ފުލުހަކަށް ހަމަލަދީފި.

ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން: ބޮޑު ސޯޅަ މިދިޔައީ ހަމަ ބޮޑު ސޯޅަ އަށް. މިހާރު އަޅުގަނޑުމެން މިތިބީ 17 މާޗުގައި. ރާއްޖޭގެ ރައީސަކީ އަދިވެސް އަބްދުﷲ ޔާމީން. ރާއްޖެ ސަލާމަތް ކުރުމުގެ ހިތްވަރާއި ފަންވަރު ދިވެހި ސިފައިންނާއި ފުލުހުންގެ ހުންނާނެ. އިސްލާމް ދީނަށް ހަޖޫ ޖަހާ މީހަކަށް ދިވެހި ސިފައިންނާއި ފުލުހުން ތަބައެއް ނުވާނެ. ޖުމްހޫރީ މައިދާނަށް ވަދެވޭނެ ކަމަށް އެއްވެސް ބޭފުޅަކު ހީނުކުރައްވާ. ގްރީން ޒޯން ކަމަށް ކަނޑައަޅާފައިވާ ޖުމްހޫރީ މައިދާނަށް ވަދެވުނު ޒަމާން ހިނގައްޖެ.

ފުލުހުން މިހާރު ވަނީ މަސް މާރުކޭޓު ކައިރި އަށް އެއްވާ މީހުންގެ ފަހަތުން ދުވެ ގޮސް ބައެއް މީހުން ހައްޔަރު ކުރަން ފަށާފައި.

އަބްދުއްރަހީމް: އަޅުގަނޑުމެން ކަންބޮޑުވާ އެއްވެސް ކަމެއް ނެތް. ސަރުކާރު ހިންގަނީ ގާނޫނީ އިމުގެ ތެރެއިން. ބަޔަކު މަގުމައްޗަށް ނުކުތަސް އަޅުގަނޑުމެން ހާހެއް ނުވޭ. އަޅުގަނޑުމެން މިތިބީ ވަރަށް ހިތްވަރާއި ސާބިތުކަމާއެކު. އެންމެ ތަންކޮޅެއް ވެސް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން.

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް: މުޒާހަރާގައި މިހާރު އުޅެނީ ރަށްރަށުން އައި 150 އެއްހާ މީހުން. އުމުރު ހަމަނުވާ ކުދިން މުޒާހަރާގައި ބައިވެރި ކުރުމަކީ ވަރަށް ހިތާމަހުރި ކަމެއް.

ޕީޕީއެމްގެ ނިއުސް ކޮންފަރެންސެއް ފަށައިފި.

މާރުކޭޓު ކައިރީގައި ތިބި މީހުން ފަހަތަށް ޖެއްސުމަށްޓަކައި ފުލުހުން އަނެއްކާވެސް ކަރުނަ ގޭސް ޖަހައިފި.

ކަރުނަ ގޭސް ޖެހުމާއެކު، އެއްވުން މިހާރު ވަނީ ރޫޅިފައި. ނަމަވެސް މަސް މާރުކޭޓުގެ އެކި ސަރަހައްދުތަކުގައި އަދިވެސް ކޮންމެވެސް ވަރަކަށް މީހުން އެބައުޅޭ.

ފަހަކަށް އައިސް މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ކަރުނަގޭސް ބޭނުމެއް ނުކުރޭ. އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ބޭނުން ކުރަނީ ޕެޕާ ސްޕްރޭ. ފުލުހުން މިރޭ ކަރުނަ ގޭސް ބޭނުން މި ކުރީ ވަރަށް ގިނަ ދުވަސްތަކަކަށް ފަހު.

ފުލުހުން: މުޒާހަރާގެ ބައިވެރިއަކު ހަމަލާ ދިނުމުގެ ސަބަބުން ފުލުހަކަށް ވަނީ އަނިޔާވެފައި. އަނިޔާ ލިބިފައިވާ ފުލުސް އޮފިސަރުގެ އަތުގައި ފްރެކްޗާއެއް ވަނީ ލާފައި.

މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެކަކުގެ ބޯ ފަޅައިގެން ގޮސް، އެމްބިއުލާންސްގައި އެމަޖެންސީގައި އައިޖީއެމްއެޗަށް ގެންގޮސްފި. މުޒާހަރާގެ ބައިވެރިން ބުނަނީ އޭނާގެ ބޮލުގައި ފުލުހަކު މުގުރުބުރިން ޖެހީ ކަމަށް.

ކަރުނަ ގޭސް ޖެހި ނަމަވެސް، މުޒާހަރާގެ ބައިވެރިން އަނެއްކާ ވެސް ވަނީ މަސް މާރުކޭޓު ސަރަހައްދަށް ގޮސްފައި

މަސް މާރުކޭޓު ކައިރީގައި އެއްވެފައި ތިބި މީހުން ހިމެނޭ ސަރަހައްދަށް ކަރުނަ ގޭސް ޖަހައިފި.

މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސާފައި ފުލުހުން ދުރަށް ދިއުމާއެކު މުޒާހަރާގެ ބައިވެރިން ޖުމްހޫރީ މައިދާނާ ކައިރިއަށް ޖެހޭ.

މުޒާހަރާކުރާ މީހުންގެ ތެރެއަށް ގިނަ އަދަދަކަށް ޕެޕަސްޕްރޭ ޖަހައިފި. ބައެއް މީހުން ބިންމައްޗަށް ވެއްޓިފައި އެބަތިބި.

މެންބަރު އަމީތު ހައްޔަރުކޮށްގެން ގެންދަނިކޮށް މުޒާހަރާގެ ތެރެއިން ބަޔަކު ގޮސް އަމީތު ގައިގައި ބައްދައިގަނެ މުޒާހަރާގެ ތެރެއަށް އަނެއްކާވެސް ގެންގޮސްފި. އޭގެ ފަހުން އަމީތު ހައްޔަރުކުރަން ފުލުހުންނެއް ނުދޭ.

ޖުމްހޫރީ މައިދާނަށް އެއްވާން އުޅުނު މީހުންނާ އެކު ހުންނެވި މަތިވެރި ދާއިރާގެ މެންބަރު ހުސެން މުހައްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި.
އިންޒާރު ދޭ ވީޑިއޯ ހެދި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވާއިރު އެއީ ރާއްޖެ ޓީވީގެ ތިން މީހަކު ކަމަށް ވަނީ ބެލެވިފައި. މިރޭ ރާއްޖެ ޓީވީ ހެޑް އޮފް ޕްރޮގްރާމްސް އާމިރު ސަލީމާއި ދެ ނޫސްވެރިން ކަމަށްވާ ވިސާމް އަދި ފަޒީން ވަނީ ހައްޔަރުކޮށްފައި.
އެމްއެމްއޭ ކައިރިއަށް އެއްވެފައި ތިބި މީހުން ދުރަށް ޖައްސަން ފުލުހުން ޕެޕަސްޕްރޭ ޖަހައިފި. އެ ސަރަހައްދުގެ އެކި މަގުތަކުގައި މީހުން އެބަ އުޅޭ
ވީޑިއޯ ހަދައިގެން ފުލުހުންނަށް އިންޒާރު ދިން މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި.
ފުލުހަކު ރަހީނުކުރި ކަމަށް ބުނެ ޚަބަރު ފެތުރޭ ކަމަށް ބުނެ ފުލުހުން އެކަން ދޮގުކޮށްފި.
ޖުމްހޫރީ މައިދާން ކައިރިން ދުރަށް ޖެއްސިތާ އިރުކޮޅެއް ފަހުން އަނެއްކާވެސް މީހުން ޖަމާވަނީ.
މެންބަރު އަލީ އާޒިމް ޖުމްހޫރީ މައިދާން ސަރަހައްދުގައި އިސްވެ މުޒާހަރާ ކުރައްވަނިކޮށް ހައްޔަރުކޮށްފި. އޭނާއާ އެކު މާލޭ ސިޓީ ކައުންސިލް މެންބަރު އަހްމަދު ނިޔާޒް ވެސް ފުލުހުން ގެންދިޔަ
މުޒާހަރާކުރާ މީހުން އަންނަނީ ރައީސް ޔާމީން ހައްޔަރުކުރަން ގޮވައިލަމުން.
ސޯލްޓް ކެފޭ ކައިރީގައި ތިބި މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސަން ޕެޕަސްޕްރޭ ޖަހައިފި. އެކި ހިސާބުތަކުގައި މުޒާހަރާގެ ބައިވެރިން އެބަ އުޅޭ
ޖުމްހޫރީ މައިދާނަށް ވަންނަން މަސައްކަތްކުރާ މީހުންނާ އެކު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް އެބަ އުޅުއްވާ
ފުލުހުންނާއި ސިފައިން ދަނީ ޖުމްހޫރީ މައިދާނަށް ދާން މަސައްކަތްކުރި މީހުންނަށް ހުރަސްއަޅައި މަގުތައް ބަންދުކުރަމުން. އެއްބަޔަކު މަޑުކޮށްގެން ތިބީ ސީގަލް ކަންމަތީގައި
މުޒާހަރާގެ ބައިވެރިން ޖުމްހޫރީ މައިދާނަށް ޖަމާވާން މަސައްކަތްކުރަނީ.
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ގެ އިތުރުން ރޭގެ މުޒާހަރާ އިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި.
ޕްރެސް ކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު ވިދާޅުވީ ރާއްޖެއަށް ޖެހިގެން މި އުޅެނީ ފިކުރީ ހަނގުރާމައިގެ މުސީބާތް ކަމަށް.
އާޒިމާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރަނީ ގާނޫނީ އިމުގެ ތެރެއިން ފުރުސަތު ދެވޭނެ ކަމެއް ނޫން ކަމަށް.
ޕީޕީއެމްގެ ޕްރެސް ކޮންފަރެންސްގައި، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ސަރުކާރު ހިމޭނުން އޮތުމަކީ ނުކެރުމެއް ނޫން ކަމަށާއި ސަރުކާރުން ހުރިހާ ކަމެއް ވެސް ކުރަނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށް. ގާނޫނާ ހިލާފަށް ހިންގާ ކޮންމެ ކަމެއް ވެސް ހުއްޓުވާނެ ކަމަށް އާޒިމާ ވިދާޅުވި.
ރާއްޖެ ޓީވީގެ ނޫސްވެރިޔާ ވިސާމް އާއި ޕްރޮގްރާމްސް ހެޑް އާމިރު ސަލީމް ހައްޔަރުކޮށްފި. އާމިރު ހައްޔަރުކުރީ ރާއްޖެ ޓީވީ ދޮރުމަތީ ހުއްޓާ ކަމަށް ރާއްޖެ ޓީވީން ބުނި.
މަޖީދީ މަގުގައި، އަލިކިލެގެފާނު މަގާ ހިސާބުގައި މުޒާހަރާގެ ބައެއް ބައިވެރިން ތިބި އިރު މާވެޔޮ މަގާ ހިސާބުގައި ވެސް ބައިވެރިން އެބަ އުޅޭ.
ރައީސް ޔާމީން މަސައްކަތްކުރައްވަނީ ދީނީ ވާހަކަ ދައްކަވައިގެން، ޖަރީމާތައް ފޮރުވަން ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ރައީސް ޔާމީނަށް ފާޑު ވިދާޅުވެއްޖެ
ރާއްޖެ ޓީވީގެ ނޫސްވެރިޔާ ފަޒީން ހައްޔަރުކޮށްފި. އޭނާ ގެންދިޔައީ ބިޑި އަޅުވައިގެން
މަޖީދީމަގާ ގުޅިފައިވާ ގޯޅިތަކަށް މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސައި މަޖީދީމަގުން މުޒާހަރާގެ ބައިވެރިން ހުސްކުރަން ފުލުހުން އަންނަނީ މަސައްކަތްކުރަމުން
މުޒާހަރާގެ ބައިވެރިން މިހާރު ވަނީ މަޖީދީމަގުން ސީކްރެޓް ރެސިޕީ ރެސްޓޯރަންޓާ ހަމަޔަށް ފަހަތަށް ޖައްސާފައި. މީގެ އިރުކޮޅެއް ކުރިން ފުލުހުން ވަނީ މީހުން ދުރަށް ޖައްސަން ޕެޕަސްޕްރޭ ޖަހާފައި.
އަނެއްކާވެސް މުޒާހަރާގެ ތެރެއިން މީހަކު ހައްޔަރުކޮށްފި
މުޒާހަރާގެ ބައިވެރިން އަންނަނީ މަޖީދީމަގު އަގޯރާ ކައިރިން ޕޭވްމަންޓް ކައިރީ ތިބެގެން ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުން
މުޒާހަރާ ހުއްޓުވަން ނިކުމެ ތިބި އެސްއޯ ފުލުހުންގެ ބައެއް މީހުން ތިބީ މޫނު ނިވާކޮށްގެން.
ޝީލްޑް ހިފައިގެން ތިބި ފުލުހުން މިހާރު ވަނީ މަޖީދީމަގުން ހުޅަނގަށް ފަހަތަށް ޖެހިފައި. މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާގައި އެބަތިބި
މުޒާހަރާ ރޫޅާލުމުގައި ބައިވެރިވާ ބައެއް ފުލުހުން މިރޭ ތިބީ މޫނު ނިވާކޮށްގެން. އެހެން ރޭތަކާ ޚިލާފަށް މިރޭ ފުލުހުން ދަނީ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރަމުން. ލަފާކުރެވޭ ގޮތުން މިހާތަނަށް ވިއްސަކަށް މީހުން ހައްޔަރުކޮށްފި
އިސްލާމީ މަރުކަޒު ކައިރީ އޮންނަ ޕާކިން ޒޯނުގައި އޮތް ކާރެއްގައި ރޯކޮށްލައިފި. މިހާރު ވަނީ އަލިފާން ނިއްވާލާފައި. މިއީ ކިހިނެއް ހިނގި ހާދިސާއެއް ކަމެއް އަދި ނޭނގެ
މިހާތަނަށް 10 ވަރަކަށް މީހުން ހައްޔަރުކޮށްފި ކަމަށް، އެތަނުގައި ތިބި ނޫސްވެރިން ލަފާކުރޭ
އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށް ގެންދާ "ހުއްޓުވާ" މުޒާހަރާ މަޖީދީމަގުގައި ފެށުމާ އެކު، ފުލުހުން އިންޒާރު ދީ ބަޔަކު ހައްޔަރުކޮށްފި އެވެ.
ސަރުކާރުގެ ޣައިރު ގާނޫނީ އަމަލުތައް ހުއްޓުވުމުގެ ނަމުގައި ކުރާ މުޒާހަރާއަށް، މަޖީދީމަގާއި ޗާންދަނީ މަގު ގުޅޭ ކަންމައްޗަށް މީހުން އެއްވާން ފެށުމާ އެކު ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދަށް ޝީލްޑާ އެކު ގޮސް މުޒާހަރާގެ ބައިވެރިންނަށް ވަނީ ހުރަސްއަޅައިފަ އެވެ. މުޒާހަރާ ކުރިއަށް ނުގެންދިއުމަށާއި ފުލުހުންގެ އެންގުމަށް ތަބާނުވެ އެ ތަނުގައި ތިބޭ ނަމަ ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލާނެ ކަމަށް ފުލުހުން ތަކުރާރުކޮށް އިންޒާރު ދިނެވެ.