16 މާޗް 2018 - 20:47

މާލެ އާއި އެކި ރަށްރަށުގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާކޮށް "ހަމަނުޖެހުން" ހިންގަނީ ލާދީނީ މީހުންގެ އެހީތެރިކަމާއެކު ކަމަށް ހޯމް މިނިސްޓްރީން މިރޭ ބުނެފި އެވެ.

ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މުޒާހަރާތަކަކީ މާތްވެގެންވާ އިސްލާމް ދީނާއި މިނިވަންކަމާއި ގައުމުގެ ކުރިއެރުމާއި ތަރައްގީއަށް ނަފްރަތު ކުރާ ބަޔަކު ކުރަމުންގެންދާ މަސައްކަތެއް ކަމަށް ބެލެވިފައިވާ ކަމަށެވެ.
އެހެންވެ، "މިފަދަ ކަންކަމުން ދިވެހިން ސަމާލުވެ، ރައްކާތެރިވެ، ޣައިރު ގާނޫނީ އެއްވުންތަކުގައި ބައިވެރިނުވުމަށް" ހޯމް މިނިސްޓްރީގެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވަނިކޮށް، ޔޫރަޕިއަން ޕާލަމެންޓުން ފާސް ކުރި ގަރާރާ ގުޅިގެން ހޯމް މިނިސްޓްރީން ބުނީ އީޔޫ ޕާލަމެންޓްގެ ގަރާރަކީ ސަރުކާރާއި ރައްޔިތުން ބަލައިގަންނަ ގަރާރެއް ނޫން ކަމަށެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ރާއްޖެއަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ހުދޫދޫގެ ތެރެއިން އެންމެ ފުޅާ ދާއިރާއެއްގައި ލިބިދީފައިވާ ޑިމޮކްރަޓިކް ގައުމެކެވެ.
އެކަމަކު، އީޔޫ ޕާލަމެންޓްގެ ގަރާރުގައި އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ގޮވާލި ނަމަވެސް، ރާއްޖޭގައި އެ ފުރުސަތު ދިވެހިން ނުދޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
ދިވެހި ފުލުހުންނާއި ސިފައިން އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލް ހިމާޔަތްކުރުމުގައި ސާބިތުކަންމަތީ ދެމިތިބޭނެކަމަށް ވެސް ބަޔާނުގައިވެ އެވެ.
އީޔޫ ޕާލަމެންޓްގެ ގަރާރުގައި ރާއްޖޭގައި އަލުން މަރުގެ ހުކުމް ތަންފީޒުކުރަން އުޅޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ދީނީ އެއްބައިވަންތަ ކަމުގެ ގާނޫނުގެ ދަށުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް އަދި އެހެން ދީންތަކުގެ މީހުންނަށް އަދަބު ލިބޭ ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައިވެ އެވެ.
ހޯމް މިނިސްޓްރީން ބުނީ ގަރާރު ނެރުމުގެ ހިތްވަރު އީޔޫ ޕާލަމެންޓަށް ލިބުނީ ރާއްޖޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަން ކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި ދީނީ މިނިވަންކަން ނެތްކަމަށް ބުނެ ދިވެހި ސަރުކާރާއި އިސްލާމް ދީނާ ދެކޮޅަށް މަސައްކަތްކުރާ މަދު ބައެއް ގުޅިގެން ގައުމުގެ ތަސައްވުރު ކިނލަބުކޮށް ރައްޔިތުންނަށް ނިކަމެތިކަން ދިނުމަށް އެތައް އަހަރެއް ވަންދެން ކުރަމުން ގެންގޮސްފައިވާ މަސައްކަތްތަކެއްގެ ސަބަބުން ކަމުގައި ބެލެވޭ ކަމަށެވެ.