އިރްފާން ހާން ފަރުވާ ހޯދަނީ ބަނޑަށް ކެންސަރު ޖެހިގެން
އިރްފާން ހާން ފަރުވާ ހޯދަނީ ބަނޑަށް ކެންސަރު ޖެހިގެން

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިރްފާން ޚާން، ނާދިރު ބައްޔަކަށް ފަރުވާ ހޯދަމުން އަންނަކަން މި މަހުގެ 5 ވަނަ ދުވަހު ޓްވިޓާ ބުނުމަށް ފަހު، ބައްޔަކީ ކޮބައިކަން ހާމަކޮށްފި އެވެ.

އޭނާ މިއަދު ކުރި ޓްވީޓެއްގައި ބުނީ ފަރުވާ ހޯދަމުން އަންނަނީ ނިއުރޯއެންޑޮކްރައިން ޓިއުމާ (ނެޓްސް) އަށެވެ. އެއީ ބަނޑަށް ޖެހޭ ކެންސަރުގެ ބާވަތެކެވެ.

އުމުރުން 51 އަހަރުގެ އެކްޓަރު ބުނީ އެ ބައްޔަށް ފަރުވާ ހޯދަން ގައުމުން ބޭރަށް ވެސް ދާން ޖެހިފައިވާ ކަމަށާއި ހެޔޮއެދޭ އެންމެންގެ ދުއާ އޭނާއާ އެކު އަބަދު ވެސް ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. ނަމަވެސް ބަލީގެ ސަބަބުން އޭނާގެ މިހާރުގެ ހާލަތާ ބެހޭ އެއްވެސް ވާހަކައެއް އިރްފާން ހިއްސާއެއް ނުކުރެ އެވެ.

އޭނާގެ އަންހެނުން ސުތާޕާ ސިދްކަރް ބުނި ގޮތުގައި އިރްފާނަކީ ވަރަށް ހިތްވަރު ގަދަ މީހެކެވެ. އަދި ހަޔާތުގައި މި ދިމާވި ކަންތައްތަކާ އޭނާ ކުރިމަތިލަނީ އުންމީދުގެ ނަޒަރުން ކަމަށް ބުންޏެވެ. އެހެންވެ އޭނާ އާއި ދެ ދަރިންގެ ނަމުގައި ވެސް ފިރިމީހާ އަށް އަވަސް ޝިފާއަކަށް އެދި ހުރިހާ އެންމެން ދުއާކޮށް ދިނުމަށް ސުތާޕާ އެދިފައިވެ އެވެ.

އިރްފާނަކީ ހޮލީވުޑްގައި ވެސް މަސައްކަތް ކުރާ ބޮލީވުޑްގެ މަދު އެކްޓަރުންގެ ތެރެއިން އެކެކެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ މަހުގެ 6 ގައި ރިލީޒް ކުރާ "ބްލެކްމެއިލް" އިންނެވެ.

އިރްފާންގެ ބައްޔާ ގުޅިގެން އޭނާ ސޮއިކޮށްފައި ހުރި ފިލްމްތަކުގެ މަސައްކަތްތައް ވެސްމީ މިހާރު ވަނީ ފަސްކޮށްފަ އެވެ. އޭގެ ތެރޭގައި އެންމެ އަވަހަށް ކުރިން ފަށަން އޮތީ ދީޕިކާ ޕަދްކޯންއާ އެ ކުޅެން އޮތް ވިޝާލް ބަރަދްވާޖްގެ ފިލްމެކެވެ.