16 މާޗް 2018 - 17:52

ނިއު ދިއްލީ (މާޗް 16) - އެންމެ ފަހުން ލިޔުއްވި ފޮތް ޕްރޮމޯޓް ކުރުމުގެ ދަތުރެއްގައި އިންޑިއާ އަށް ވަޑައިގެން އުޅުއްވި އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަން ރާޖަސްތާނުގައި ހުންނެވި ލަގްޒަރީ ހޮޓަލުގެ ބާތުޓަބަށް ވެއްޓި އަތުގައި ރެނދެއް ލައިފި އެވެ.

ހުޅަނގުގެ ސްޓޭޓް ރާޖަސްތާނުގެ ގޮޔާލް ހޮސްޕިޓަލުގެ ޑޮކްޓަރަކު އޭއެފްޕީ އަށް ވިދާޅުވެފައި ވަނީ ބާތުޓަބަށް ވެއްޓުނު ފަހުން ހިލަރީގެ ކަނާތުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން ސްކްރީންކޮށް ބެލިއިރު އަތުގައި ރެނދެއްލާފައިވާ ކަމަށެވެ.

"ހިލަރީގެ އެކްސް-ރޭ އާއި ސީޓީ ސްކޭނެއް ހެދުމުން އެނގުނީ ކަނާތުގެ އަތުކުރިއާ ދިމާލުގައި ވަރަށް ހިމަ ރެނދެއް ލާފައިވާކަން. އެކަމަނާ އަށް ވަނީ އަރާމު ކުރުމަށާއި އަތުގައި ސަޕޯޓެއް ހަރުކޮށްގެން އުޅުމަށް ލަފާދީފައި،" ޑޮކްޓަރު ވިދާޅުވި އެވެ.
އެމެރިކާގެ ކުރީގެ ރިޔާސީ ކެންޑިޑޭޓް ހުންނެވީ ރާޖާސްތާނުގެ ކުރީގެ ޖޮދްޕޫރު ޝާހީ އާއިލާގެ ގަނޑުވަރު އުމައިދު ބަވަންގަ އެވެ.
މީގެ ފަސްމަހެއްހާ ދުވަސްކުރިން ލަންޑަނުގައި ވަނީ ހިލަރީގެ ފައިގެ ބޮޑުވައި އިނގިއްޔެއް ބިނދިފަ އެވެ.
އުމުރުފުޅުން 70 އަހަރުގެ ހިލަރީ އިންޑިއާ އަށް ވަޑައިގެން އުޅުއްވަނީ އެކަމަނާގެ ފަހުގެ ފޮތް "ވަޓް ހެޕަންޑް" ޕްރޮމޯޓް ކުރުމަށެވެ. އެއީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕާ ވާދަކޮށް ނާކާމިޔާބުވި ގޮތުގެ މައްޗަށް ލިޔުއްވާފައިވާ ފޮތެކެވެ.