16 މާޗް 2018 - 17:04

ކިގާލީ (މާޗް 16) - ރުވާންޑާގެ ވެރިރަށް ކިގާލީގެ މިސްކިތްތަކުގައި ބަންގި ގޮވަން އަޑުގަދަކުރާ ބޭނުން ކުރުން މަނާކޮށްފި އެވެ.
ބަންގި ގޮވާ އިރު އަޑުގަދަކުރާ ބޭނުން ކުރީ ކިގާލީގެ އެންމެ ބޮޑު މިސްކިތް ހުންނަ ސަރަހައްދުގެ މީހުންނަށް އުނދަގޫވާތީ ޝަކުވާ ކުރާތީ ކަމަށްވެ އެވެ. މި ނިންމުމަށް މުސްލިމް އެސޯސިއޭޝަނުން ވަނީ ފާޑުކިޔައިފަ އެވެ. އެ އެސޯސިއޭޝަނުން ބުނީ ބަންގީގެ އަޑުގަދަވެގެން އުނދަގޫވާ ނަމަ ވޮލިއުމް ދަށްކުރުމަށް އެންގިދާނެ ކަމަށެވެ.
ރުވާންޑާގައި ދާދި ފަހުން ވަނީ، އިމާރާތް ކުރުމުގެ ގަވާއިދުތަކާ ޚިލާފުވެފައިވާތީ 1،500 ފައްޅި ބަންދުކޮށްފަ އެވެ. ރުވާންޑާގެ ގިނަ މީހުންނަކީ ކްރިސްޓިއަނުންނެވެ. އެ ގައުމުގައި މުސްލިމުންގެ އާބާދީ އަކީ ފަސް ޕަސެންޓެވެ.
މީގެ ދުވަސްކޮޅެއް ކުރިން ވަނީ ރުވާންޑާގެ ފައްޅިއަކަށް ހޮނުއެޅުމުން 16 މީހުން މަރުވެ 140 މީހުން ޒަޚަމްވެފަ އެވެ.