16 މާޗް 2018 - 16:53

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިދިޔަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި އިޓަލީގެ ގަދަބާރު ޔުވެންޓަސް އާއި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކުރިމަތިލާން ޖެހިއްޖެ އެވެ.
މިދިޔަ އަހަރުގެ ފައިނަލުގައި ޔުވެންޓަސްގެ މައްޗަށް ރެއާލުން ކުރިހޯދީ 4-1 އިންނެވެ. ރެއާލް މީގެ ކުރިން މުބާރާތުގެ ފައިނަލުގެ ކުރިން ކުޅުނު ނޮކައުޓް ހުރިހާ ފަހަރެއްގައި ވަނީ ޔުވެންޓަސް އަތުން ކަޓައިފަ އެވެ.
ރެއާލް މި ފަހަރުގެ މުބާރާތުގެ ކުއާޓާ އިން ޖާގަ ހޯދީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ކަޓުވާލުމަށް ފަހު އެވެ. ޔުވެންޓަސް ގަދަ އަަށަކުން ފުރުސަތު ހޯދީ ޓޮޓެންހަމްގެ މައްޗަށް ރަށުން ބޭރުގައި ދެ ވަނަ ލެގުގައި ހޯދި މޮޅާ އެކު އެވެ.
ކުއާޓާ ފައިނަލުގައި ބާސެލޯނާ ނުކުންނާނީ އިޓަލީގެ ރޯމާއާ ދެކޮޅަށެވެ. މީގެ އެއް ސީޒަން ކުރިން ބާސެލޯނާ އާއި ރޯމާ ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅެފަ އެވެ. އެ ފަހަރު ބާސެލޯނާ ދަނޑުގައި އެ ޓީމު 6-1 އިން މޮޅުވިއިރު، ރޯމާ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލުމަށް ފަހު މުބާރާތުގެ ކުއާޓާ އިން ފުރުސަތު ހޯދި ސެވިއްޔާ ވާދަކުރަން ޖެހިފައިވަނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާ އެވެ. ބަޔާން ކުއާޓާ އިން ފުރުސަތު ހޯދީ މުބާރާތުގެ ދެ ވަނަ ބުރުގައި ތުރުކީގެ ބެސިކްޓާސް ކަޓުވާލުމަށް ފަހު އެވެ.
ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ތަފާތު މޮޅު ކުޅުމެއް މި ސީޒަނުގައި ދައްކަމުން އަންނަ މެންޗެސްޓާ ސިޓީ މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅޭނީ ލިވަޕޫލާ ދެކޮޅަށެވެ. މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން މިހާތަނަށް ސިޓީގެ މައްޗަށް މޮޅެއް ހޯދުނީ ލިވަޕޫލަށް އެކަންޏެވެ. ލިވަޕޫލް ވަނީ މި މުބާރާތުގެ ނޮކައުޓް ބުރުގައި މީގެ ކުރިން ޗެލްސީ އާއި އާސެނަލް އަތުން މޮޅުވެފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި ސިޓީއާ ދެކޮޅަށް ލިވަޕޫލް ކުޅޭ ފުރަތަމަ މެޗެވެ.
ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގު އޮންނާނީ އަންނަ މަހު 3 އާއި 4 ވަނަ ދުވަހުގަ އެވެ. އަދި ދެ ވަަނަ ލެގު އޮންނާނީ އަންނަ މަހު 10 އާއި 11 ވަނަ ދުވަހުގަ އެވެ.
ބާސެލޯނާ - ރޯމާ
ސެވިއްޔާ - ބަޔާން
ޔުވެންޓަސް - ރެއާލް މެޑްރިޑް
ލިވަޕޫލް - މެންޗެސްޓާ ސިޓީ