17 މާޗް 2018 - 10:01

ގިނަ ބަޔަކު ނަމޫނާއެއްގެ ގޮތުގައި ބަލާ އާމިރް ހާނާއި ސަލްމާން ހާނާއި ޝާހްރުކް ހާން ފަދަ ބޮލީވުޑްގެ އޭ ލިސްޓް އެކްޓަރުން ދުންފަތުގެ އިސްތިއުމާލު ކުރާތީ އަމާޒުވާ ފާޑު ކިޔުންތައް ގިނަ އެވެ. ފާހަގަކޮށްލެވޭ ކަމަކީ އެ އާދަ ހުއްޓާލަން އެ ތަރިން އެތައް ފަހަރަކު މަސައްކަތްކޮށްގެން ވެސް އެކަން ކާމިޔާބުވެފައި ނެތް ކަމެވެ.
މިދިޔަ ބުދަ ދުވަހު އާމިރު އަށް 53 އަހަރު ފުރުމާ ދިމާކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާމިރް ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން އަދިވެސް ނުހުއްޓޭ ކަމަށް ބުނެފަ އެވެ.
"އަހަރެން ވަރަށް މަސައްކަތްކޮށްފިން އެ އާދަ ހުއްޓައިލެވޭތޯ. އެކަމަކު އެކަމުގައި އަހަރެން ކޮންމެ ފަހަރަކު ވަނީ ފެއިލް،" ތިން ކުދިންގެ ބައްޕަ ބުންޏެވެ.
އާމިރު ބުނި ގޮތުގައި ސިނގިރެޓް ނުބޯން އަޒުމް ކަނޑައަޅައި، ވަރަށް ގިނަ ފަހަރެއްގެ މަތިން އޭނާ އެކަމާ ދުރުވޭތޯ އުޅެފި އެވެ.
"އެކަމަކު ވާ ގޮތަކީ ކޮންމެ ފަހަރަކު ވެސް ހުއްޓާލަން އަޒުމް ކަނޑައަޅައިގެން ހުއްޓައި އަހަރެންގެ ފިލްމެއް ރިލީޒްވާން ގާތްވެއްޖެ ނަމަ، އެކަމާ ފިކުރު ބޮޑުވެ، ހާސްވެގެން އަނެއްކާ ވެސް ހަމަ ސިނގިރެޓް ބޯން ފެށެނީ،" 53 ވަނަ އުފަން ދުވަހާ އެކު އިސްޓަގްރާމް ވެސް ބޭނުން ކުރަން ފެށި އެކްޓަރު ބުންޏެވެ.
އާމިރު ބުނީ ދުންފަތުގެ އިސްތިއުމާ ކުރުމަކީ ސިއްހަތަށް ގެއްލުން ހުރި ކަމެއްކަން އޭނާ އަމިއްލަ އަށް ވެސް ގަބޫލުކުރާ ކަމަށެވެ. އެހެންވެ އަބަދު ވެސް އެހެން މީހުންނަށް އެކަން ނުކުރަން ނަސޭހަތްދޭ ކަމަށް ބުންޏެވެ.
"އަހަންނަށް މި އުޅެނީ ހުއްޓަން އުޅެއުޅެ އެކަން ނުވެގެން. އެކަމަކު އަދިވެސް ބަލާނަން މިކަމުން ދުރުވެވޭތޯ،" އޭނާ ބުންޏެވެ.
މިދިޔަ އަހަރު ރިލީޒްވި "ސީކްރެޓް ސްޕަސްޓާ" އަށް ފަހު އާމިރް މިހާރު މަސައްކަތް ކުރަމުން އަންނަނީ މި އަހަރުގެ ނޮވެމްބަރު 7 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "ތަގްސް އޮފް ހިންދުސްތާން" ގަ އެވެ. އެ ފިލްމްގައި އޭނާއާ އެކު އަމީތާބް ބައްޗަން، ފާތިމާ ސަނާ ޝެއިހް އަދި ކެޓްރީނާ ކައިފް ފެނިގެން ދާނެ އެވެ.