އެއްވުމަށް ނުކުންނަނީ އިސްލާމްދީނުގެ އަދުއްވުން: ޕީޕީއެމް
އެއްވުމަށް ނުކުންނަނީ އިސްލާމްދީނުގެ އަދުއްވުން: ޕީޕީއެމް

ސަރުކާރާ މެދު ހިތްހަމަނުޖެހިގެން އިދިކޮޅު އެއްވުމަށް ނުކުންނަނީ އިސްލާމްދީނުގެ އަދުއްވުން ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

އެއްވުމަށް ނުކުންނަނީ އިސްލާމްދީނުގެ އަދުއްވުން: ޕީޕީއެމް
އެއްވުމަށް ނުކުންނަނީ އިސްލާމްދީނުގެ އަދުއްވުން: ޕީޕީއެމް

ރައީސް އަބްދުﷲ ޔާމީން "ހުއްޓުވާ" ނަމުގައި އިދިކޮޅު ޕާޓީތަކުން މާލޭގައި މިރޭ ބާއްވަން އުޅޭ އެއްވުމާ ދިމާކޮށް، ވެރިކަން ކުރާ ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިސްލާމްދީން ދެކެ ލޯބިވާ ބަޔަކު އިދިކޮޅު ފަރާތްތަކާ އެކު ނުތިބޭނެ ކަމަށެވެ. އިދިކޮޅުގެ އެއްވުންތަކުގައި ބައިވެރިވަނީ އިސްލާމްދީނާ ދެކޮޅު މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއްވުމުގައި ބައިވެރިވަނީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، އިސްލާމްދީނާ ދެކޮޅު މީހުން. އަޅުގަނޑު ތަކުރާރުކޮށް ދިވެހިރައްޔިތުންނަށް ދަންނަވަން، އެ ބޭފުޅުންގެ އެއްވުންތަކާ ބައިވެރިވެވަޑައިނުގަތުމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކަޅު ހެދުންލައިގެން މޫނު ނިވާކޮށްގެންނާއި ތުނބުޅި ބަހައްޓައި ފައިކުރި ކުރުކޮށްގެން ތިބޭ މީހުން ވެސް އިދިކޮޅު އެއްވުންތަކުގައި ބައިވެރިވާއިރު، އެކަން ސިފަވަނީ ދެއްކުންތެރި ބައެއްގެ ގޮތުގަ އެވެ. އަދާލަތު ޕާޓީ އަކީ ދީނަށް ލޯބިކުރާ، ދީން ހިމާޔަތްކުރާ ޕާޓީއެއް ކަމަށް ބުނާއިރު، އެ ޕާޓީގެ އަމަލުތަކުން ވެސް ދީނާ ދެކޮޅުވެރިކަން ފެންނަ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރާއްޖޭގެ ހާލަތުގެ މައްޗަށް ޔޫރަޕިއަން ޔޫނިއަންގެ ޕާލަމެންޓުން އިއްޔެ ފާސްކުރި ގަރާރަށް އިޝާރާތްކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެ ގަރާރު ހުށަހެޅީ ރާއްޖެ އިން އިސްލާމް ދީން ފޮހެލަން ކަމަށެވެ. އެ ގަރާރުގައި، ދީނީ މިނިވަންކަމާއި އެއް ޖިންސުން ގުޅުން ހިންގުމުގެ ހުއްދަ ނެތުމާއި މަރުގެ ހުކުމް ތަންފީޒުކުރަން އުޅޭތީ އެކަމާ ކަންބޮޑުވުންފާޅުކޮށްފައިވާ ކަމަށާއި ގަރާރުގެ ބޭނުމަކީ ރާއްޖެއިން އިސްލާމް ދީން ފޮހެލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީޔޫގެ ގަރާރުގައި، ރާއްޖޭގައި އަލުން މަރުގެ ހުކުމް ތަންފީޒުކުރަން އުޅޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ދީނީ އެއްބައިވަންތަ ކަމުގެ ގާނޫނުގެ ދަށުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް އަދި އެހެން ދީންތަކުގެ މީހުންނަށް އަދަބު ލިބޭ ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައިވެ އެވެ. އެއް ޖިންސުން ގުޅުން ހިންގުމުގެ ވާހަކައެއް ވަކިން ބުނެފައެއް ނުވެ އެވެ.

ފުލުހުންގެ ޔުނިފޯމްގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރު ދޭ ވީޑިއޯތަކެއް އާންމުކޮށްފައި ވާތީ އެކަމަށް އިޝާރާތްކުރައްވަމުން، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވި ގޮތުގައި ސިފައިންނާއި ފުލުހުންނާ ގުޅޭ ގޮތުން ކިތަންމެ ވީޑިއޯ ހެދިއަސް އިސްލާމް ދީނާ ދެކޮޅު ބަޔަކާ ސަލާމަތީ ޚިދުމަތްތަކުން ނުގުޅޭނެ އެވެ. އީޔޫ އަށް ހުށަހެޅި ގަރާރަކީ ރާއްޖެ އިން އިސްލާމްދީން ފޮހެލަން ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ނިހާން ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާލަން، ދިވެހިރާއްޖޭގެ އެއްވެސް ހިސާބެއްގައި ޣައިރު ގާނޫނީ އެއްވުމެއް ބޭއްވުމަކީ ގާނޫނީ ކުށެކޭ. އެ މަސައްކަތް ނުކުރައްވާށޭ،" އޭނާ ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިދިކޮޅު މީހުންގެ މައްސަލައަކަށް ވެގެން އުޅެނީ، ދީނީ މިނިވަންކަން ރާއްޖޭގައި ނެތުމެވެ. އީޔޫ އަށް ގަރާރުތައް ހުށަހަޅައިގެން ވެސް ކުރަމުން ދަނީ، އިސްލާމްދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި ޖާގަ ހޯދުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހިރައްޔިތުން ހޭއަރަން އެބަޖެހޭ މިހާރު. މައުސޫމް އެތައް ހާސް ރައްޔިތުންނެއް ދަލުގައި ޖައްސައިގެން އެމްޑީޕީގަ އާއި އިދިކޮޅު ފަރާތްތަކުގެ ތެރޭގައި މި ގެންގުޅޭ ގެންގުޅުމަށް މިއަދު އެބަޖެހޭ ނޫނެކޭ ބުނަން. މި ގައުމުގެ މިނިވަންކަމާއި އިސްލާމްދީން އަމިއްލަ އަތުން ވެއްޔާ މޮޑެލުމަކަށް ހެޔޮނުވާނެ ފުރުސަތު ދޭން،" މުއިއްޒު ވިދާޅުވި އެވެ.

ރާއްޖެ އިން އިސްލާމްދީން ފޮހެލުމުގެ މަގްސަދުގައި ނޫން ގޮތަކަށް، ދީނީ މިިނިވަންކަމަށް ގޮވާލާ މާއްދާއެއް އީޔޫގެ ގަރާރުގައި ހިމަނަން ޖެހޭ ސަބަބެއް ނެތް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވި ގޮތުގައި ރާއްޖޭގައި ދީނީ މިނިވަންކަން ހޯދަން ކިތަންމެ މަސައްކަތެއް އިދިކޮޅުން ކުރިއަސް އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތެއް ނުލިބޭނެ އެވެ. ކިތަންމެ ބޮޑެތި ބާރުތަކަކުން އެ މަސައްކަތް ކުރިއަސް ރައީސް އަބްދުﷲ ޔާމީން ހުންނެވީ އެ މަސައްކަތަށް ފަހިވާނެ އެއްވެސް ކަމަކަށް ޖާގަދެއްވަން ތައްޔާރަށް ނޫން ކަމަށް އަލީ އާރިފް ވިދާޅުވި އެވެ.

އީޔޫގެ ގަރާރު އިއްޔެ ފާސްކުރުމާ އެކު ރައްދުގައި ދިވެހި ސަރުކާރުން ނެރުނު ބަޔާން ވެސް އެކަމުގެ ހެއްކަކަށް ފުދޭ ކަަމަށް އޭނާ ވިދާޅުވި އެވެ.

"ފާޅުގައި ވިދާޅުވެފައި އެ އޮތީ، އިސްލާމްދީން ނޫން އެހެން ދީނެއް ޕްރެކްޓިސްކުރުމުގެ ފުރުސަތު ދިވެހިރާއްޖޭގައި ނުލިބޭނެއޭ. އެހެންވީމާ އަޅުގަނޑުމެން ރައީސް ޔާމީނަށް މިކަމުގައި އައްސަރިބަހާއި ސާބަސް ދަންނަވަން ޖެހޭ،" އަލީ އާރިފް ވިދާޅުވި އެވެ.