17 މާޗް 2018 - 10:02

ކުރީގެ މަޝްހޫރި ފިލްމެއް ކަމަށްވާ "ވޯ ކޯން ތީ" ރިމެކިން ރައިޓްސް ކްރިއާޖް އެންޓަޓައިމަންޓުން ހޯދުމާ އެކު، މިހާރު އެންމެ ހޫނު އެއް ބަހުސަކީ އެ ފިލްމްގެ ލީޑް ރޯލް ކުޅޭނެ ތަރިންގެ ވާހަކަ އެވެ.

ރާޖް ކޯސްލާ 1964 ގައި ގެނެސް ސައިކޮލޮޖިކަލް ތުރިލާގައީ ލީޑް ރޯލް ކުޅުނީ މިހާރު އުމުރުން 80 އަހަރުގެ މަނޯޖް ކުމާރާއި 2015 ގައި މަރުވެފައިވާ ބަތަލާ ސާދްނާ އެވެ.
މި ފިލްމްގެ ރައިޓްސް ހޯދި ނަމަވެސް، ފިލްމްގެ ކާސްޓުންނާއި ޑައިރެކްޓަރަކީ ކޮބައިކަން އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ރިޕޯޓްތައް މިހާރު ބުނާ ގޮތުން މަނޯޖްގެ ރޯލް ވަނީ ޝާހިދު ކަޕޫރަށް ހުށަހަޅައިފަ އެވެ. އަދި އެ ރޯލަށް ވަރަށް ފިޓްވާ ކަމަށްވެ އެވެ.
މިކަމާ ބެހޭ ގޮތުން ކްރިއާޖުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އަނެއްކޮޅުން "ވޯ ކޯން ތީ" ގެ ރިމެކިން ސިނަމާތަކަށް ގެންނާނެ ތާރީހެއް ވެސް އަދި ކަނޑައެއްނާޅަ އެވެ.
ފާހަގަކޮށްލެވޭ ކަމަކީ ކްރިއާޖްގެ ފިލްމެއްގައި މިހާރު ވެސް ޝާހިދު މަސައްކަތް ކުރަމުން އަންނަ ކަމެވެ. އެއީ ދާދި ފަހުން ރިލީޒް ކުރި "ޕަދްމާވަތު" އަށް ފަހު އޭނާ ސޮއި ކުރި ފުރަތަމަ ފިލްމް "ބައްޓީ ގުލް މީޓަރު ޗާލޫ" އެވެ. މި ފިލްމަކީ އަކްޝޭ ކުމާރުގެ "ޓޮއިލެޓް: އޭކް ޕްރޭމް ޙާތާ" ލިޔެ، ޑައިރެކްޓް ކުރި ސްރީ ނާރަޔަން ސިންގް ޑައިރެކްޓް ކުރާ ފިލްމެކެވެ.
ޝާހިދއާ އެކު "ބައްޓީ ގުލް މީޓަރު ޗާލޫ" އިން ބަތަލާއިންގެ ގޮތުގައި ފެނިގެން ދާނީ ޝްރަދާ ކަޕޫރާއި ޔަމީ ގޯތަމް އެވެ.
"ވޯ ކޯން ތީ" ކާސްޓަށް ޝާހިދު ގެނައި ކަމަށް މީޑިއާތަކުގައި ވާހަކަތައް ފެތުރުނު ނަމަވެސް، މިކަމާ ބެހޭ ގޮތުން އޭނާ ވެސް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ކުރީގެ ކުޅަދާނަ އެކްޓަރަކު ކުޅުނު ރޯލަކުން ޝާހިދު ފެނުމަކީ އޭނާގެ ފޭނުން ތަޖުރިބާކޮށްލަން ބޭނުން ވާނެ ކަމަކަށް ވާނެ އެވެ.