އަވަހަށް އަރާ! އެއާބަސް ސުޕަޖަންބޯ ނައްޓާލަނީ
އަވަހަށް އަރާ! އެއާބަސް ސުޕަޖަންބޯ ނައްޓާލަނީ

"ދަތުރުވެރިންގެ ސަމާލުކަމަށް ދަންނަވަމެވެ. އެއާބަސް ސުޕަޖަންބޯ ފުރަން ވަގުތު ކުޑަތަން ވެއްޖެ އެވެ. މަދު ސިކުންތުކޮޅެއް ތެރޭގައި ގޭޓްތައް ލެއްޕޭނެ އެވެ. ދެ ބުރި ހޮޓަލަކަށް ވުރެ ތަނަވަސް ދެ ބުރި ބޯޓަށް އަވަހަށް އަރައިވަޑައިގަންނަވާށެވެ."

އެއާބަސް އޭ380އެއްގައި ދަތުރެއް ކޮށްލުމަކީ ކޮންމެ މީހަކަށް ވެސް އުފަލެކެވެ. ޖީބަށް ކުރި ބާރު ބޯޓުގެ ތަނަވަސްކަމާ ހެދި ފިލައި ހިނގައި ދާނެ އެވެ. ޚިޔާލު ހޯދުމަށްޓަކައި އެ ކުންފުނިން ކުރި ސާވޭއަކުން ދައްކާ ގޮތުގައި ދަތުރުވެރިންގެ 60 ޕަސެންޓް މީހުން އެއާބަސް ސުޕަޖަންބޯގައި ދަތުރުކުރަން އެދެ އެވެ.

އެއާބަސް އޭ380އެއްގައި ދަތުރުކުރަން އެދޭ މީހުންނަށް އެކަން ލައްކަ ފަސޭހަވެއްޖެ އެވެ. އެ ވެބްސައިޓުން އެކަން ވާ ގޮތް ވަނީ މިހާރު ހަމަޖައްސާފަ އެވެ. އޭ380ގެ ބޯޓެއް އޮތް ތަނެއް ބަލައި، ޓިކެޓް ބުކްކުރެވޭ ގޮތް ވަނީ ތަނަވަސްވެފަ އެވެ.

މުޅި ދުނިޔޭގައި ވެސް އަދި ސުޕަޖަންބޯ އޮޕަރޭޓްކުރަނީ 13 އެއާލައިނަކުންނެވެ. އެއީ ގަތަރު އެއާވޭޒް، ތައި އެއާވޭޒް، ޗައިނާ ސަދާން އެއާލައިންސް، އެމިރޭޓްސް އެއާލައިންސް، އޭސިއާނާ އެއާލައިންސް، ސިންގަޕޯ އެއާލައިންސް، ބްރިޓިޝް އެއާވޭޒް، ލުފްތެންސާ، ގަންޓާސް، ކޮރެއަން އެއާ، އެއާ ފްރާންސް، އެތިހާދު އެއާވޭޒް އަދި މެލޭޝިއަން އެއާލައިންސް އެވެ.

އޭ380 ބޯޓުތައް ދަތުރުކުރާ މަގުތަކުގެ ތަފުސީލް އެއާބަސް ވެބްސައިޓަށް ވަދެ ބަލާލާށެވެ. އެއާލައިންތަކުގެ މެދުގައި ވާދަވެރިކަން ބޮޑެވެ. އެއް ބަޔަކަށް ވުރެ ރަނގަޅު ގޮތް ދަތުރުވެރިންނަށް އަނެއް ބަޔަކު ހަދައިދެ އެވެ. ކޮންމެ ބޯޓެއް ވެސް އެހައި ތަނަވަހެވެ. ތިޔަ ވިސްނާ ރަހަތައް ލިބެން ހުރީ ކޮން އެއާލައިނެއްގައިތޯ ވަޒަންކޮށްލާށެވެ. ބޭނުންވާ އެއާލައިނެއް އިޚުތިޔާރުކުރުމުން އެ ދިމާ އަށް ވެބްސައިޓް ވެސް ދީއްލައިލާނެ އެވެ.