17 މާޗް 2018 - 10:00

މަދޫރީ ޑިކްސިޓްއަކީ ބޮލީވުޑުން އުފަންވި އެންމެ ވަރުގަދަ އަންހެން ނެށުންތެރިޔާ އެވެ. އޭނާ 1988 ގައި ކުޅުނު ފިލްމް "ތޭޒާބް" ގައި ހިމެނޭ ލަވަ "އޭކް ދޯ ތީން" އަކީ މަދޫރީގެ ވިދުން ވެސް ބޮލީވުޑްގައި ގަދަކޮށްލި ލަވައެކެވެ. އޭނާގެ ނަމާ އެކު މިހާރު ވެސް ފުރަތަމަ ހަނދާނަށް އަންނާނީ އެ ލަވ އެވެ.
މަދޫރީގެ ފަރި ޖާދޫވި ނެށުމުގެ ހަރަކާތްތައް ފެނިގެންދާ "އޭކް ދޯ ތީން" ސަރޯޖް ހާން ކޮރިއާ ހަދާފައިވާ ލަވައެކެވެ. ފަނޑުވުމެއް ނެތް މި ލަވައިގެ މި ޒަމާނުގެ ވާޝަނެއް މާ ލަސްތަކެއް ނުވެ ބެލުންތެރިންނަށް ފެނިގެން ދާނެ އެވެ. އެކަމަކު މި ފަހަރު މަދޫރީއާ އެކުގައެއް ނޫނެވެ.
މި މަހުގެ 30 ގައި ރިލީޒް ކުރާ ޓައިގާ ޝްރޮފާއި ޑިޝާ ޕަޓްނީގެ ފިލްމް "ބާގީ 2" ގައި ވަނީ "އޭކް ދޯ ތީން" ހިމަނައިފަ އެވެ. އައިޓްމަ ލަވައެއްގެ ގޮތުގައި ފިލްމުން ފެނިގެންދާ ލަވައިން މި ފަހަރު ފެންނާނީ ސްރީލަންކާގެ ޖެކްލީން ފެނާންޑޭވެ. ލަވައިގެ ޓީޒާއެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.
ޓީޒާ އިން ފެންނަ ގޮތުގައި ލަވައަކީ ކުލަގަދަ އަދި ފޯރި ގަދަ ލަވައަކަށްވެގެން ދާނެ އެވެ. މި ފަހަރު ލަވައިގެ ކޮރިއޯ ހަދާފައި ވަނީ "ބާގީ 2" ގެ ޑައިރެކްޓަރު އަހުމަދު ހާނެވެ. އޭނާއަކީ އެހާމެ މަޝްހޫރު ކޮރިއޮގްރާފަރެކެވެ. އަނެއްކޮޅުން "އޭކް ދޯ ތީން" ގެ ލަވައަށް ޖެލްކީން ނެގި އިރު، ސަލްމާނާ އެކު އޭނާ ކުޅުނު 2015 ގެ ފިލްމް "ކިކް" އިން އެންމެ ވިދާލި އެއް ލަވަ ކަމަށްވާ "ޖުއްމޭ ކީ ރާތު" އަކީ ވެސް އަހުމަދު ސްޓެޕްތަކަށް ޖެކްލީން އާއި ސަލްމާން ފައިހަމަކޮށްފައިވާ ލަވައެކެވެ. އެ ލަވައިން ވެސް ޖެކްލީން ވަނީ އޭނާއަކީ ނެށުމުގެ ހުނަރު ހުނަރު ލިބިފައިވާ ބަތަލާއެއްކަން ސާބިތުކޮށް ދީފަ އެވެ.
އެހެންވެ މަދޫރީގެ ފައިވާނަށް އަރައިގެން އޭނާ މި ފަހަރު ދައްކައިލާ ހުނަރު ބެލުންތެރިންނަށް ކަމުދާނީ ކިހާ ވަރަކަށްކަން އެނގޭނީ "އޭކް ދޯ ތީން" ލަވަ އެއްކޮށް ބަލައިލަން ލިބޭ ހިސާބުންނެވެ.
ޔަގީނުން ވެސް މި ލަަވަ ބަލައިލުމުގެ ޝައުގުވެރިކަން ފުރަތަމަ ޓީޒާއާ އެކު ވެސް ބޮޑުވެއްޖެ އެވެ. ލަވައަށް އިންތިޒާރު ކުރަމާ ހިނގާށެވެ. އަދި މި ލަވަ ބަލާފައި މަދޫރީ ބުނާ އެއްޗެއް ވެސް ގިނަ ބަޔަކު މިހާރު ބަލައިލަން ބޭނުން ވާނެ އެވެ.