16 މާޗް 2018 - 12:40

ފްލޮރިޑާ (މާޗް 16) - އެމެރިކާގެ މިއާމީގެ ފްލޮރިޑާ އިންޓަނޭޝަނަލް ޔުނިވާސިޓީއާ ކައިރީގައި މަގު ހުރަސްކޮށް ހިންގުމަށް އަލަށް ހެދި ބްރިޖެއް ވެއްޓި ހަތަރު މީހުން މަރުވެ 10 މީހުން ޒަޚަމްވެއްޖެ އެވެ.
ބްރިޖް ދަށުގައި އެއްވެސް މީހަކު ތާށިވެފައިވާތޯ ބެލުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ރޭ ވަނީ ކޮށްފަ އެވެ.
ގާތްގަނޑަކަށް 174 ފޫޓް (53 މީޓަރު) ގެ ބްރިޖް ވެއްޓިފައި ވަނީ އަށް ލޭނުގެ ފުޅާ މަގެއްގެ މައްޗަށެވެ. ފުލުހުން ބުނީ 862 ޓަނުގެ ބްރިޖް ވެއްޓުމުން އަށް ވެހިކަލް ހަލާކުވެފައިވާ ކަމަށެވެ. މަގު ހުރަސްވާ ގޮތަށް އެ ބްރިޖުގެ ސްޓްރަކްޗާ ހަދާފައިފައި ވަނީ ހޮނިހިރު ދުވަހު އެވެ. ޓްރެފިކަށް ބުރޫ އަރައިފާނެތީ ބްރިޖް ހަދާފައި ވަނީ "އެކްސެލެރޭޓެޑް ބްރިޖް ކޮންސްޓްރަކްޝަން" މެތަޑް ބޭނުންކޮށްގެންނެވެ. ބްރިޖުގެ ބޮޑު ބައެއް މަގުގެ އެއްފަރާތުގައި ރާވާލުމަށް ފަހު މަގު ހުރަސްވާ ގޮތަށް ހަރުކޮށްފައި ވަނީ ހަ ގަޑިއިރުގެ މަސައްކަތުންނެވެ.
ބްރިޖަށް ޚަރަދުވި 14 މިލިއަން ޑޮލަރު ދީފައި ވަނީ އެމެރިކާގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުންނެވެ. ޔުނިވާސިޓީގެ ވެބްސައިޓުގައިވާ ގޮތުން ބްރިޖް ހަދަނީ ކެޓަގަރީ 5 ގެ ތޫފާނުގައި ވެސް ހިފަހައްޓާލެވޭ ވަރަށެވެ. އަދި އެއީ 100 އަހަރުގެ މުއްދަތަށް ހުންނާނެ ބްރިޖެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ބްރިޖް ހަދާފައި ވަނީ ޔުނިވާސިޓީގެ ދަރިވަރުންނާއި ސްޓާފުން މަގު ހުރަސް ކުރަން ފަސޭހައަކަށެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ވަނީ މަގު ހުރަސް ކުރި ދަރިވަރެއް ކާރަކުން ޖެހި މަރުވެފަ އެވެ.