16 މާޗް 2018 - 12:08

ރިޔާޒް (މާޗް 16) - ވާދަވެރި އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާ ނަމަ ސައުދީ އަރަބިއާ އިން ވެސް ނިއުކްލިއާ ބޮމެއް އުފައްދާނެކަމުގެ އިންޒާރު ދީފި އެވެ.
އެމެރިކާގެ ސީބީއެސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަކީ ސައުދީ އަރަބިއާ އިން އެއްވެސް އިރެއްގައި ބޭނުންވި ކަމެއް ނޫން ކަމަށެވެ. އެކަމަކު އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާ ނަމަ ސައުދީން ވެސް އެ ގޮތަށް ކަންކުރާނެ ކަމަށް މުހައްމަދު ވިދާޅުވި އެވެ.
އީރާނުން ވަނީ ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު 2015 ވަނަ އަހަރު ގާއިމްކުރި އެއްބަސްވުމުގެ ދަށުން ނިއުކްލިއާ ޕްރޮގްރާމް މަޑުޖައްސާލައިފަ އެވެ.
ސައުދީ އަރަބިއާގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާ މުހައްމަދު ވަނީ އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ޚާމަނާއީ އަކީ މެދުއިރުމަތީގެ އާ ހިޓްލަރު ކަމަށް ނޮވެމްބަރު މަހު ވިދާޅުވި ސަބަބު ވެސް ސާފުކޮށްދެއްވައިފަ އެވެ.
"ޚާމަނާއީ ބޭނުން ވަނީ މެދުއިރުމަތީގައި އަމިއްލަ އެޖެންޑާއެއް ހިންގަން. އެއީ ހަމަ ހިޓްލަރުގެ ދުވަސްވަރު ވެސް ކަންތައް ކުރިގޮތް،" ސީބީއެސްގެ 60 މިނިޓް ޕްރޮގްރާމްގައި މުހައްމަދު ވިދާޅުވި އެވެ. "ހިޓްލަރުގެ ނުރައްކާތެރިކަން ޔޫރަޕަށް ވެސް އެނގުނީ މާފަހުން. އެ ގޮތަށް މެދުއިރުމަތީގައި ކަންތައް ވާކަށް އަޅުގަނޑު ބޭނުމެއް ނުވޭ."
ސައުދީ އަރަބިއާ އިން 1988 ވަނަ އަހަރު ވަނީ ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ މުއާހަދާގައި ސޮއިކޮށްފަ އެވެ. ސައުދީން މިހާތަނަށް ނިއުކްލިއާ ހަތިޔާރު އުފައްދަން އުޅުނު ކަމެއް ރިޕޯޓްކޮށްފައެއް ނުވެ އެވެ. ނަމަވެސް ޕާކިސްތާނުގެ ނިއުކްލިއާ ހަތިޔާރުގެ މަޝްރޫއުތަކަށް އިންވެސްޓްކޮށްފައިވާ ކަމަށްވެ އެވެ.