17 މާޗް 2018 - 11:22

އޭއެފްސީ ކަޕްގައި މިދިޔަ ބުދަ ދުވަހު އިންޑިއާގެ އައިޒޯލް އަތުން 3-1 އިން ނިއު ރޭޑިއަންޓް މޮޅުވި މެޗުގެ ފުރަތަމަ އެގާރައިގައި ރިހާމް އަބްދުލް ގަނީ (ބޮބީ) ހިމެނުމުން ގިނަ ބަޔަކަށް ހައިރާން ކަމެއް ލިބުނެވެ. ބައިނަލްއަގްވާމީ ތަޖުރިބާއެއް ނެތް ކުޅުންތެރިޔަކަށް މުހިއްމު މެޗެއްގެއް ފުރަތަމަ އެގާރައިން ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ފުރުސަތު ދިންއިރު، އެ ޓީމުގެ ބެންޗުގައި ތަޖުރިބާކާރު ގިނަ ކުޅުންތެރިން ތިއްބެވެ.

އެ މެޗުގައި ބޮބީ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ވަނީ ފުރަތަމަ ހާފުގައި މުހައްމަދު އުމެއިރަށް ލަނޑު ޖަހަން ވަރަށް ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްދީފަ އެވެ.
އައިޒޯލް މެޗަށް ފަހު އޮސްކާ ބުނީ ބޮބީ އަށް ފުރަތަމަ އެގާރައިން ފުރުސަތު ދިނުމަކީ ގޯސް ނިންމުމަކަށްނުވާނެ ކަމުގެ ޔަގީންކަން ކުރިން ވެސް އޮތް ކަމަށެވެ.
"ބޮބީގެ ތަޖުރިބާ ނެތުން މައްސަލައަކަށްވާނަމަ އޭނަ ހުންނާނީ އަހަރެމެންގެ ޖޫނިއާ ޓީމުގައި. ބޮބީ އަހަރެމެންނާ އެކު ހުރެފިއްޔާ އޭގެ މާނަ އަކީ އޭނަ އެ ހުރީ މި ޓީމަށް ތައްޔާރަށޭ،" ނޫސްވެރިއަކު ކުރި ސުވާލަކަށް އޮސްކާ ޖަވާބު ދިނެވެ.
ބޮބީ ވަނީ ނިއު މި ފަހަރު ކުޅުނު މެޗުތަކުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެފަ އެވެ. އައިޒޯލާ ދެކޮޅަށް ބޮބީ އަށް ފުރަތަމަ އެގާރައިން ފުރުސަތު ދިން އިރު އޮސްކާގެ ރަނގަޅު ރޭވުމެއް ވެސް އޮތެވެ.
"ވަރަށް ބޮޑު ރިސްކެއް މި ކަހަލަ މެޗެއްގައި (ބޮބީ ފުރަތަމަ އެގާރަ އަށް ލައިގެން) ކުޅުމަކީ. އަހަރެން ހުރިހާ ކުޅުންތެރިން ގާތުގައި ބުނިން ބޮބީ އަށް އެހީތެރިވެދިނުމަށް. ހުރިހާ ކުޅުންތެރިން އެ މަސައްކަތްކޮށް ބޮބީ އަށް އެހީވި. އެކަން ބޮބީ ވެސް ދަންނާނެ،" އޮސްކާ ބުންޏެވެ. "އުމުރުން 21 އަހަރުގައި ބޮބީ މި މެޗުގެ 60 މިނިޓް ވަަންދެން އެ ދެއްކީ ވަރަށް މޮޅު ކުޅުމެއް."
ބޮބީ އަކީ އީގަލްސްގެ އޭރުގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަނަށް ތައާރަފްކުރި ކުޅުންތެރިޔެކެވެ. ސާންތީ ވަނީ އޭނާ އަށް ޖޫނިއާ ލެވެލުން ފެށިގެން އުމުރުފުރާތަކުގެ ގައުމީ ޓީމުގައި ކޯޗުކޮށްދީފަ އެވެ. އޭނާ ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް މާޒިޔާއާ ދެކޮޅަށް މޮޅު ކުޅުމެއް ދެއްކި އެވެ. އަދި އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ކުޅެން ނެގި ގައުމީ ސްކޮޑުން ވެސް ޖާގަ ހޯދި އެވެ.
އީގަލްސްގެ ޔޫތު ޓީމާ އެކު ޔޫތު ޗެމްޕިއަންޝިޕް ވެސް ކާމިޔާބުކޮށްފައިވާ ބޮބީ އަކީ ގައުމީ ފެންވަރުގައި ވިދާލާނެ ކުޅުންތެރިޔެއް ކަމަށާއި، އޭނާ އަކީ ދިވެހި ފުޓްބޯޅަ އަށް ކުރާ ހަދިޔާއެއް ކަމަށް ސާންތީ ވަނީ ބުނެފަ އެވެ. އެކަމަކު ކްލަބަށް ވުރެ ފުޓްސަލް މުބާރާތްތަކަށް އިސްކަންދިން ދިނުމުގެ ސަބަބުން އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ބުރުގައި އޭނާ އަށް އެ ޓީމުން ފުރުސަތެއް ނުދެ އެވެ.
ބޮބީ މި ސީޒަނުގައި ނިއު އަށް ބަދަލުވިއިރު، އޭނާ ކުޅޭ މަގާމަށް ކުޅޭ ގިނަ ސީނިއާ ކުޅުންތެރިން ތިއްބެވެ. އެހެން ނަމަވެސް ޕްރީ ސީޒަނުގައި ނިއު އިން ކުޅުނު ގިނަ މެޗުތަކުގައި ބޮބީ އަށް އޮސްކާ ވަނީ ގިނަ ފުރުސަތުތަކެއް ދީފަ އެވެ. އަދި ސީޒަން ފެށުމުގެ ކުރިން އޮސްކާ ބުނީ އޭނާގެ ޓީމުގައި އެއްވެސް ކުޅުންތެރިޔަކަށް ފުރަތަމަ އެގާރަ ޔަގީންނުވާނެ ކަމަށާއި "ވީއައިޕީ" ކާޑު އެއްވެސް ކުޅުންތެރިއަކު އަތުގައި ނޯންނާނެ ކަމަށެވެ.