ސީޒަން ޓިކެޓެއް ހޯދުމަށް ހާއްސަ ފުރުސަތެއް
ސީޒަން ޓިކެޓެއް ހޯދުމަށް ހާއްސަ ފުރުސަތެއް

މިހާރު ކުރިޔަށްދާ އެސްޓީއޯ މާލޭ ލީގުގެ މެޗެއް ބަލާލައިގެން ސީޒަން ޓިކެޓެއް ހޯދުމުގެ ފުރުސަތު ހުރިހާ ސަޕޯޓަރުންނަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހުޅުވާލައިފި އެވެ.

އެފްއޭއެމުން ބުނީ މާލޭ ލީގުގައި ދެން ކުޅޭ ކޮންމެ މެޗެއް ބެލުމަށް ވަންނަ ސަޕޯޓަރުންގެ މެދުގައި ގުރުއަތު ނެގުމެއް އޮންނާނެ ކަަމަށާއި އޭގެ ހޮވޭ ފަރާތަކަށް ސީޒަންގެ ހުރިހާ މެޗެއް ހިލޭ ބަލައިލުމަށް ސީޒަން ޓިކެޓެއް ލިބިގެންދާނެ ކަމަށެވެ.

"ކޮންމެ މެޗެއް ނިންމާފައި ދަނޑުގައި ގުރުއަތު ނަގާނެ. އޭގެ އިން ހޮވޭ ފަރާތަކަށް މުޅި ސީޒަނުގައި އެފްއޭއެމުން ރާވާ ހިންގާ ހުރިހާ މެޗަކަށް ހިލޭ ވަދެވޭނެ،" އެފްއޭއެމުން ބުންޏެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ދިވެހި ފުޓްބޯޅަ ސަޕޯޓަރުން މި ފުރުސަތުގެ ބޭނުން ހިފުމަށް ވަރަށް ބޮޑަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ.

ފާއިތުވި އަހަރުގައި މެޗު ބަަލަން ދަނޑަށް ހިލޭ ވަދެވޭ ގޮތަށް ހަދާފައިވީ ނަމަވެސް މި ފަހަރު މެޗުތައް ބެލުމަށް ދަނޑަށް ވަދެވެނީ ޓިކެޓް ގަނެގެންނެވެ. ޓިކެޓެއްގެ އަގަކީ 20 ރުފިޔާ އެވެ.

އެފްއޭމުން ވަނީ މީގެ ކުރިން ކްލަބްތައް މެދުވެރިކޮށް ސަޕޯޓަރުންނަށް ސީޒަން ޓިކެޓް ވިއްކައިފަ އެވެ.

މާލޭ ލީގުގެ މެޗެއް ދެން އެންމެ އަވަހަށް އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ. އެ ދުވަހު މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރާއިރު، އެރޭ ޓީސީ ސްޕޯޓްސް ކްލަބް ނުކުންނާނީ ކްލަބް ވެލެންސިއާއާ ދެކޮޅަށެވެ.