16 މާޗް 2018 - 01:14

ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގައި ބޮޑީގާޑުންގެ ގޮތުގައި މަސައްކަތް ކުރަމުން އައި ތިން މީހުން ފުލުހުންގެ ބަންދުން މިރޭ ދޫކޮށްލައިފި އެވެ.
ސިމާދު އަހުމަދާއި އަހުމަދު ޝާނީޒް އަދި އަހުމަދު ފައްތާހު ހައްޔަރު ކުރުމަށް ފަހު، ދޫކޮށްލީ އެނގިފައިވާ ގޮތުގައި އެ ތިން މީހުންގެ ވެސް މޮބައިލް ފޯނު ހިފެހެއްޓުމަށް ފަހު އެވެ. އެކަމަކު އެ މީހުންނަށް ފުލުހުން ކުރާ ތުހުމަތެއް އަދިއެއް ނޭނގެ އެވެ.
މީގެ ތެރެއިން ސިމާދާއި ފައްތާހަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑުންގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ބައެކެވެ. ޝާނީޒް އެންމެ ފަހުން ހުރީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ބޮޑީގާޑަކަށެވެ.
ސިމާދާއި ޝާނީޒް، މިދިޔަ މަހުގެ 23 ގައި ހައްޔަރުކުރީ ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދައި، އެނގެން ނުޖެހޭ މައުލޫމާތު ބަޔަކަށް ފޯރުކޮށްދިން ކަމުގެ ތުހުމަތުގަ އެވެ. އަދި އެ ދެ މީހުން މިމަހުގެ ހަ ވަނަ ދުވަހު ވަޒީފާ އިން ވަކި ކުރީ، އަމިއްލަ އަށް ކެނޑެން އެންގުމަށް ފަހު އެކަން ނުކުރުމުން ކަމަށް ވެސް އެނގިފައި ވެ އެވެ.
އިދިކޮޅު ސިޔާސީ އިސް ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލަން މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސިޔާސީ މަސްރަހުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ސިމާދާއި ޝާނީޒް ހައްޔަރު ކުރުމަށް ފަހު އެންމެ ފުރަތަމަ ގެންދިޔައީ ގިރިފުއްޓަށެވެ. ނަމަވެސް އިސްތިއުފާ ދޭން އަންގައި، އެކަން ނުކުރުމުން، ދެން ބަންދުކުރީ ހުޅުލޭގައި ހުންނަ ސިފައިންގެ މަރުކަޒަށެވެ.
މިދިޔަ މަހު 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުންގެ ތެރޭގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމުގައި ބައެއް ފުލުހުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.