19 ޖުލައި 2016 - 07:06

ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ގޯލްމާލް" ސީރީޒްގެ ހަތަރުވަނަ ފިލްމު "ގޯލްމާލް 4" އިއުލާން ކުރީއްސުރެ ފިލްމާ ބެހޭ ގޮތުން ތަފާތު އަޑުތައް ދަނީ ފެތުރެމުންނެވެ. ފިލްމުގެ ބަތަލާއަކަށް ހޮވާފައި ވަނީ ކަރީނާ ކަޕޫރު ކަމަށް ވެސް އަޑު އެރި އެވެ. އޭނާ ބަނޑުބޮޑުކަން އިއުލާން ކުރުމުން ދެން ފިލްމަށް ވާނެ ގޮތަކާ މެދު ވެސް ބައެއް މީހުން ދަނީ ސުވާލު ކުރަމުންނެވެ.
ނަމަވެސް ކަރީނާގެ ފަރާތުން ވާހަކަދެއްކި ތަރުޖަމާނު ދާދި ފަހުން ބުނެފައި ވަނީ އެންމެ ކުރިއްސުރެ ވެސް "ގޯލްމާލް 4"ގައި ކަރީނާ ބައިވެރިވާ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށެވެ. ވިހެއުމުގެ ކުރިން ކަރީނާ ކުޅޭނީ ހަމައެކަނި ސޯނަމް ކަޕޫރާ އެކު ކުޅޭ "ވީރް ދީ ވެޑިން" ކަމަށާއި އޭގެ ފަހުން ވިހެއުމާ ގުޅޭ ޗުއްޓީ ކަރީނާ ނަގާނެ ކަމަށް ވެސް ތަރުޖަމާނު ބުނެފައިވެ އެވެ.
ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި "ގޯލްމާލް 4"ގައި ކަރީނާގެ ބަދަލުގައި މިހާރު އާލިއާ ބަޓް ވަނީ ހަމަޖައްސާފަ އެވެ. ނަމަވެސް ފިލްމު އުފައްދާ ފަރާތުން މިކަން ޔަގީންކޮށެއް ނުދެ އެވެ.
އާލިއާ މި ފިލްމުގައި ބައިވެރިވާ ނަމަ މިއީ އޭނާ ކުޅޭ ފުރަތަމަ ކޮމެޑީ ފިލްމަށް ވާނެ އެވެ.
"ގޯލްމާލް އެގެއިން"ގެ ނަމުގައި އުފައްދާ މި ފިލްމުގެ ޝޫޓިން އަންނަ އޮކްޓޯބަރު މަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ފިލްމު ރިލީޒްކުރަން ނިންމާފައިވަނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ.