16 މާޗް 2018 - 00:52

ފުލުހުންނާ ދެކޮޅަށް ބޭނުން ކުރުމަށް ތައްޔާރު ކޮށްފައި ހުރި މިރުސް ފެން ޕެކެޓުތަކެއް މިރޭ ވެސް މާލެ އިން ފެނިފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފި އެވެ.

ފުލުހުން ކުރި ޓުވީޓެއްގައި ބުނީ ފުލުހުންނާ ދެކޮޅަށް ބޭނުންކުރަން ތައްޔާރު ކޮށްފައިވާ 76 މިރުސް ފެން ޕެކެޓު ފެނިފައިވާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ބޭއްވި އެއްވުމުގެ ބައިވެރިން ތިބި ސަރަހައްދަކުން 24 ދަގަނޑުބުރި ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިމާރާތްތަކުގައި ކޮންކްރީޓް އަޅާއިރު ޖެހުމަށް ބޭނުންކުރާ އެ ދަގަނޑުބުރިތައް ފެނުނީ ފުލުހުން ބުނިގޮތުގައި ގ. ސްނޯލައިޓް ކައިރިންނެވެ.
ފުލުހުންނާ ދެކޮޅަށް ބޭނުންކުރަން ތައްޔާރުކޮށްފައިވާ 105 މިރުސް ފެން ޕެކެޓު، ރޭ ބޭއްވި އިދިކޮޅު މުޒާހަރާގެ ތެރެއިން ފެނިފައިވާ ކަމަށް ވެސް ފުލުހުން ރޭ ބުނެފައި ވެ އެވެ. އަދި ރޭގެ މުޒާހަރާގެ ތެރެއިން ފުލުހެއްގެ ގަޔަށް ކަޅުތެޔޮ ޖެހި މީހަކު ވެސް ހައްޔަރު ކުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.