މުހައްމާ އަނެއްކާ ވެސް ހައްޔަރުކޮށްފި
މުހައްމާ އަނެއްކާ ވެސް ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ އިން މިރޭ އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.

ސިޔާސީ އިދިކޮޅު ބޭފުޅުން ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީ އަކު ދޫކުރުމަށް މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދާ އެއްވުންތަކުން ކުރިން ވެސް މުހައްމާ ހައްޔަރު ކޮށްފައިވެ އެވެ. އެކަމަކު ކޮންމެ ފަހަރަކު ވެސް އޭނާ ދޫކޮށްލާފައިވެ އެވެ.

މިރޭގެ މުޒާހަރާ އިން މުހައްމާ ހައްޔަރުކުރިއިރި، އޭނާގެ މައްޗަށް ފަސް ތުހުމަތެއް ކޮށް ފުލުހުން ވަނީ ތަހުގީގު ފަށައިފަ އެވެ. އަދި މުހައްމާ ވަނީ އެ ތުހުމަތާ ގުޅޭ ތަހުގީގަށް ފުލުސް އޮފީހަށް ވެސް ކުރިން ހާޒިރުކޮށްފަ އެވެ.

އޭގެ ތެރެއިން އެއް ތުހުމަތަކީ ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރާ ގުޅިގެން، ދައުލަތުގެ އެކި އިދާރާތަކުގެ މުވައްޒަފުންނަށް ރިޝްވަތު ހުށަހަޅައި މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ހުރަސް އަޅައި ނުފޫޒު ފޯރުވި ކަމުގެ ތުހުމަތެވެ. ދެން އޭނާގެ މައްޗަށް ކުރަނީ ކުށްކުރަން ރޭވުމާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށުގެ އިތުރުން ގާނޫނު ހިންގުމާއި ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށެވެ. އޭގެ އިތުރުން ނަހަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ނުވަތަ މައުލޫމާތު ބޭނުން ކުރުމުގެ ތުހުމަތު ވެސް ކުރެ އެވެ.

މުހައްމާ މިރޭ ހައްޔަރުކުރި ނަމަވެސް، ރޭގެ މުޒާހަރާ އިން ހައްޔަރުކުރި އިދިކޮޅު ތިން މެމްބަރުން މިރޭ ވަނީ ދޫކޮށްލައިފަ އެވެ. އެއީ މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތެވެ.