15 މާޗް 2018 - 22:04

ދިވެހި ފުޓްބޯޅައިގެ އާ ޖީލުގެ ކުޅުންތެރިން އުފައްދަން ކުރާ މަސައްކަތުގައި އަލީ އަޝްފާގް (ދަގަނޑޭ) ލީޑަރަކަށް ހަދަން ބޭނުންވާ ކަމަށާއި ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕުގައި އޭނާގެ އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗު ޖަރުމަނުގެ ޕީޓާ ސެގާޓް ބުނެފި އެވެ.
ދަގަނޑޭގެ ހެޓްރިކާ އެކު އޭއެފްސީ ކަޕުގައި އިއްޔެ ހަވީރު އިންޑިއާގެ އައިޒޯލް އެފްސީ އަތުން 3-1 އިން ނިއު ރޭޑިއަންޓް މޮޅުވި މެޗު ބެލުމަށް ފަހު މީޑިއާ އަށް ފޮނުވި މެސެޖެއްގައި ކޯޗު ބުނީ ދިވެހި ފުޓްބޯޅައަށް ދަގަނޑޭ ކޮށްދީފައިވާ ހިދުމަތަށް އޭނާ އަށް އިހުތިރާމް ކުރާ ކަމަށެވެ.
ދަގަނޑޭ ވަނީ 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އޭނާގެ ފަހު މުބާރާތް ކަމަށް ބުނެފަ އެވެ. އެކަމަކު އޭނާ ވަނީ އަލުން ކުޅެފާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.
ސެގާޓް ބުނީ ދިވެހި ފުޓްބޯޅައިގެ ހާލަތު ވަޒަންކުރުމަށްޓަކައި އެފްއޭއެމްއާ ވާހަކަދައްކާފައިވާ ކަމަށާއި ކުރިމަގުގައި ހާސިލްކުރަން ބޭނުންވާ ކަންތައް އެ އެސޯސިއޭޝަނަށް ވަރަށް ސާފު ކަމަށެވެ. އެކަމަކު އެކަން ކުރާނީ ކިހިނެއްތޯ އެންމެން ގުޅިގެން ހޯދަން ޖެހޭ ކަމަށާއި އެކަމަށްޓަކައި އޭނާގެ ޕްލޭނެއް އެބައޮތް ކަމަށާއި އައު ވިސްނުންތަކެއް ވެސް އެބަހުރި ކަމަށެވެ.
އޭނާ ބުނީ އެންމެ އިސްކަންދިން އެއް ކަމަކީ ގައުމީ ޓީމުގެ ލީޑަރުންނާ ވާހަކަދެއްކުން ކަމަށާއި އެއްވެސް ސުވާލެއް ނެތް ގޮތެއްގައި އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ ކެޕްޓަން ދަގަނޑޭ ކަމަށެވެ.
"އިއްޔެގެ މެޗަށް ފަހު އޭނާއާ ބައްދަލުވުމުން އަހަރެން ވަރަށް އުފާވި. ހަމައެކަނި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެއް ނޫން، އޭނާ މާޒީގައި ދިވެހި ފުޓްބޯޅައަށް ކޮށްދީފައިވާ ހިދުމަތްތަކަށް އަހަރެން އޭނާ އަށް އިހުތިރާމްކުރަން. އަހަރެން އުއްމީދުކުރަން ކުރިމަގުގައި ވެސް އެ ހިދުމަތްކޮށްދޭނެ ކަމަށް،" ސެގާޓް ބުނެފައިވެ އެވެ.
ސެގާޓް ބުނީ އޭނާގެ ނަޒަރުގައި ދަގަނޑޭ އަކީ މެޗުތަކުން ނަތީޖާ ނެރުމުގައި ތަފާތަކަށް ވާނެ ކުޅުންތެރިޔާގެ އިތުރުން އާ ޒުވާން ކުޅުންތެރިންގެ ކުރީގައި މަގުދައްކަން ހުންނަން ވެސް އެކަށޭނެ ކުޅުންތެރިޔާ އެވެ.
"ސަބަބަކީ އަޝްފާގުގެ ކިބައިގައި އެބަހުރި ގޮތްތަކެއް. އެހެންވެ އަހަރެން އުއްމީދުކުރަން ސާފްގައި އޭނާ އަކީ އަހަރެމެންގެ ލީޑަރަށް ވާނެ ކަމަށް އަދި އެޔަށް ވުރެ ދުރަށް ވެސް. އަހަރެމެންނަށް އޭނާ ބޭނުންވޭ ރާއްޖޭގެ އާ ޖީލު ތައްޔާރުކުރުމުގެ މަސައްކަތް އަލުން ފަށާ ފެށުމުގައި،" ސެގާޓް ބުނެފައިވެ އެވެ.