ފުލުހުން ބަލާ މައްސަލަތަކުން މަހްފޫޒް ސަސްޕެންޑްކޮށްފި
ފުލުހުން ބަލާ މައްސަލަތަކުން މަހްފޫޒް ސަސްޕެންޑްކޮށްފި

ފުލުހުން ބަލަމުން އަންނަ މައްސަލަތަކުގެ ތެރެއިން ވަކީލް މަހްފޫޒު ސައީދު ގާނޫނީ ވަކީލަކަށް އައްޔަން ކޮށްފައިވާ މައްސަލަތަކުން އޭނާ ސަސްޕެންޑް ކޮށްފި އެވެ.

އޭނާ މިރޭ "މިހާރު" އަށް ވިދާޅުވީ މައްސަލަތަކުން ސަސްޕެންޑް ކުރި ނަމަވެސް އޭގެ ސަބަބެއް ފުލުހުން ނާންގާ ކަމަށެވެ.

"ފުލުހުން ގުޅާފައި ބުނީ ސަބަބެއް އެންގޭކަށް ނެތޭ. އިތުރު މައުލޫމާތެއް ބޭނުމިއްޔާ ސިޓީއަކުން އެދޭށޭ،" މަހްފޫޒް ވިދާޅުވި އެވެ.

ނަމަވެސް ފުލުހުން ފަހުން މީޑިއާ އަށް ބުނީ، މަހްފޫޒު ސަސްޕެންޑް ކުރީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގު ކުރާ އުސޫލުތަކާ ޚިލާފަށް އޭނާގެ އަމަލުތައް ގެންގުޅޭތީ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ސިޔާސީ ބައެއް އިދިކޮޅު ބޭފުޅުންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މަހްފޫޒަށް އާ މައްސަލަތަކަށް އައްޔަން ނުވެވޭނެ ކަން ވެސް ފުލުހުން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހްފުޒަކީ މިހާރު ދޫނިދޫގައި ބަންދުކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދުހަމާއި މުހައްމަދު ވަހީދުގެ ވެސް ވަކީލެވެ.