3.7 ބިލިއަން ޑޮލަރު އަސްކަރީ ހެލިކޮޕްޓަރު ގަތަރުން ގަންނަނީ
3.7 ބިލިއަން ޑޮލަރު އަސްކަރީ ހެލިކޮޕްޓަރު ގަތަރުން ގަންނަނީ

ދޯހާ (މާޗް 15) - އަސްކަރީ ހެލިކޮޕްޓަރުތަކެއް ގަތުމަށް 3.7 ބިލިއަން ޑޮލަރު ހޭދަކުރާނެ ކަމަށް ގަތަރުން އިއުލާންކޮށްފި އެވެ.

ގަތަރުން އެކަން އިއުލާންކުރި އިރު އެ ގައުމާ ދެކޮޅަށް ވަނީ ގަލްފުގެ ބައެއް ގައުމުތަކުން މިދިޔަ އަހަރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ގަތަރުން ގަންނަ އެންއެޗް90 ގެ 28 ހެލިކޮޕްޓަރުގެ މެއިން ކޮންޓްރެކްޓަރަކީ އިޓަލީގެ ލިއޮނާޑޯ ކުންފުންޏެވެ.

ގަތަރުގެ އެއާ ފޯސްގެ ކޮމާންޑަރު މަޝްހޫތު ފައިސަލް އަލް ހަޖްރީ ވިދާޅުވީ އަލަށް ގަންނަ ހެލިކޮޕްޓަރުތަކާ އެކު ގަތަރުގެ ވައިގެ ސިފައިންގެ ގާބިލްކަން އެތައް ތަނެއް އިތުރުވާނެ ކަމަށެވެ.

ހެލިކޮޕްޓަރުތައް ގަތަރަށް ފޯރުކޮށްދޭން ފަށާނީ 2022 ވަނަ އަހަރުން ފެށިގެންނެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ގަލްފުގެ ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލި ފަހުން އެ ގައުމުން ވަނީ އަސްކަރީ ކަންކަމަށް 30 ބިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. ގަތަރާ ސިޔާސީ ގުޅުން ކަނޑާލާ ދަތިކުރުމުގެ ފިޔަވަޅު އެޅުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ގައުމަކީ ސައުދީ އަރަބިއާ އެވެ.