ޗެކް ރިޕަބްލިކުގައި މިނިވަން ނޫސްވެރިކަމަށް ތާއީދުކޮށް އެތައް ބަޔަކު މަގުތަކަށް
ޗެކް ރިޕަބްލިކުގައި މިނިވަން ނޫސްވެރިކަމަށް ތާއީދުކޮށް އެތައް ބަޔަކު މަގުތަކަށް

ޕްރާގު (މާޗް 15) - މިނިވަން ނޫސްވެރިކަމަށް ދޭ ހަމަލާތަކާ ދެކޮޅަށް އަޑު އުފުލުމަށް ޗެކް ރިޕަބްލިކުގެ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެއްޖެ އެވެ.

ޗެކް ރިޕަބްލިކުގެ ވެރިކަމަށް ދާދި ފަހުން ވަޑައިގެންނެވި މިލޮސް ޒަމާން ވަނީ އެ ގައުމުގައި މިނިވަންކަމާ އެކު ހިންގާ މީޑިއާތަކަށް ފާޑު ވިދާޅުވެފަ އެވެ. މިލޮސް ޒަމާން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ވަނީ ވަކިވަކި މީޑިއާތައް ފާހަގަ ކުރައްވާ ބަހުގެ ހަމަލާތައް ދެއްވައިފަ އެވެ. ރައީސްގެ އެ ބަސްފުޅުތަކާ ގުޅިގެން ރަސްމިއްޔާތުގައި ތިބި ޕާލަމެންޓުގެ އިދިކޮޅު މެންބަރުން ވަނީ ބޭރަށް ނުކުމެވަޑައިގެންފަ އެވެ.

ޗެކް ރިޕަބްލިކުގެ ވެރިރަށް ޕްރާގުގެ ވެންސެސްލަސް މައިދާނަށް އިއްޔެ އެއްވި މީހުން ވަނީ ރައީސް މިލޮސް ޒަމާން އާއި ބޮޑު ވަޒީރު އަންދުރެޖް ބާބިސް އަށް ފާޑު ވިދާޅުވެ ގައުމުގައި ނުބައި މާހައުލެއް އުފައްދަން އެ ދެ ބޭފުޅުން މަސައްކަތް ކުރައްވާ ކަމަށް ބުނެފަ އެވެ.

އެއްވުމުގައި ވަނީ ޕާލަމެންޓުގެ ގިނަ އަދަދެއްގެ މެންބަރުން ވެސް ބައިވެރިވެފަ އެވެ. މެދުތެރޭ ޔޫރަޕުގެ ގިނަ މީޑިއާތަކުގެ ކޮންޓްރޯލް މިހާރު ދަނީ ވިޔަފާރިވެރިންނާއި ސިޔާސީ ފަރާތްތަކުން ހޯދަމުންނެވެ.