ސަލްމާން ޚާން "ޓިއުބްލައިޓް"ގެ ޝޫޓިން ފަށަނީ
ސަލްމާން ޚާން "ޓިއުބްލައިޓް"ގެ ޝޫޓިން ފަށަނީ

މަޝްހޫރު އެކްޓަރު ސަލްމާން ޚާން ދެން އެންމެ އަވަހަށް ފަށާނީ "ބަޖްރަންގީ ބައިޖާން"ގެ ޑައިރެކްޓަރު ކަބީރް ޚާންގެ "ޓިއުބްލައިޓް" އެވެ.

"ބަޖްރަންގީ ބައިޖާން" ރިލީޒްވިތާ އެއް އަހަރު ފާހަގަކުރުމަށް ކަބީރް ކުރި ޓުވީޓެއްގައި މި ފިލްމު 10 ދުވަހުގެތެރޭގައި ފަށާކަން ވަނީ އިއުލާންކޮށްފަ އެވެ.

މިދިޔަ އަހަރުގެ ޖުލައި 17 ވަނަ ދުވަހު ރިލީޒްކުރި ކަރީނާ ކަޕޫރު، ނަވާޒުއްދީން ސިއްދީގީ އަދި ޗައިލްޑް އާޓިސްޓް ހަރްޝާލީ މަލްހޯތުރާ މުހިއްމު ބައިތަކެއް ކުޅުނު "ބަޖްރަންގީ ބައިޖާން" ހެދި ރެކޯޑްތައް މުގުރާލެވުނީ ދެން ވެސް ސަލްމާންގެ ފިލްމަކަށެވެ. މިމަހުގެ ހަ ވަނަ ދުވަހު ރިލީޒްކުރި "ސުލްތާން" އަށެވެ.

މި ފިލްމު ރިލީޒްވިތާ 11 ދުވަސް ފާއިތުވީއިރު އިންޑިއާ އިން އެކަނިވެސް ފިލްމަށް 2365 މިލިއަން ރުޕީސް ލިބިފައިވެ އެވެ. ބޭރު ގައުމުތަކުގެ މާކެޓްތައް ލައިގެން 3500 މިލިއަން ރުޕީޒްއަށް ވުރެ ގިނައިން މިހާރު މި ފިލްމު ވަނީ ހޯދާފަ އެވެ.

"ޓިއުބުލައިޓް"ގެ އިތުރުން ސަލްމާން މަރާޓީ ފިލްމެއް ކަމަށްވާ "ޝިވާޖީ" ކުޅެން ސޮއިކޮށްފައިވާ ކަމުގެ ޚަބަރުތަކެއް ވެސް ދަނީ ލިބެމުންނެވެ.

"ސުލްތާން" އަށް އަދިވެސް ބޮކްސް އޮފީހުގައި ފަނޑުވުމެއް ނެތި ކުރިޔަށް ދާއިރު ހުކުރު ދުވަހު ރިލީޒްކުރި ރިތޭޝް ދޭޝްމުކް، ވިވެކް އޮބްރޯއީ އަދި އާފްތާބް ޝިވްދަސާނީގެ "ގްރޭޑް ގްރޭންޑް މަސްތީ"އަށް ބޮކްސް އޮފީހުގައި ވަނީ ނާކާމިޔާބެއް ކުރިމަތިވެފަ އެވެ. ފިލްމަށް ދެ ދުވަހުގެ ތެރޭގައި ލިބިފައި ވަނީ އެންމެ 50 މިލިއަނެވެ.

މި ފިލްމު ރިލީޒްކުރުމުގެ މާކުރިން އޮންލައިންގައި ލީކް ވެފައިވާތީ ފިލްމް ފްލޮޕްވެދާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ.