19 ޖުލައި 2016 - 07:10
މިދިޔަ މަހު ވައިރަލް ވި ވީޑިއޯގައި ޔޫޓިއުބް މޭކަޕް ބްލޮގަރުން "ޕޮލިޝް މައުންޓަން"ގެ ނަމުގައި ނިޔަފަތީގައި 100 ފަށަލައަށް ނެއިލް ޕޮލިޝް ޖެއްސި އެވެ. މި އާދަޔާ ހިލާފު މޭކަޕް ޗެލެންޖުގެ ސަބަބުން އަނެއްކާވެސް އާ ވައްތަރެއްގެ މޭކަޕް ޗެލެންޖެއް މޭކަޕް ކުރާ މީހުންގެ ތެރޭގައި މަގުބޫލު ވެއްޖެ އެވެ.
ލިކުއިޑް ލިޕްސްޓިކް 100 ފަށަލައަށް ޖައްސާލުމަކީ މިހާރު އެންމެ ފަހުގެ މޭކަޕް ޗެލެންޖެވެ. އެކި މޭކަޕް ބްލޮގަރުން އެމީހުންގެ ޔޫޓިއުބް ޗެނަލްގައި ފަހަރަކު ކުލައެއް ހާކާތަން ދައްކާލަ އެވެ. މިއީ ބަލައިލަން ހިތްގައިމު މަންޒަރެއް ނޫނެވެ.
"މައިރާ ޓަޗް އޮފް ގްލެމް" ޔޫޓިއުބް ބްލޮގާ އޭނާގެ 33 ވަނަ ފަށަލައާ ހަމައަޔަށް ދިޔައިރު ތުންފަތުގައި ހުރި ކުލަތައް ފަޅަފަޅައިގެން ގޮސް ހުންނަ ތަން ފެނެ އެވެ. އަދި 100 ވަނަ ފަށަލަ ޖައްސާލައި ނިންމާލިއިރު ހީވަނީ ތުންފަތުގައި އުވަ ޖަހާފައި ހުރި ހެންނެވެ.
މިއީ ވަރަށް ހުތުރު ޗެލެންޖެއް ކަމަށް ގިނަ ބަޔަކު އެއްބަސްވާނެ އެވެ. ނަމަވެސް 100 ފަށަލައަށް ލިޕްސްޓިކް ޖައްސާލުމަކީ ވެސް ކެތްތެރިކަމާ އެކު ކުރެވޭނެ ކަމެކެވެ. ނިއުޒީލެންޑްގެ ބިއުޓީ ބްލޮގާ ކެލްސީ ބުނިގޮތުގައި ކޮންމެ ފަށަލައެއް ޖެއްސުމަށް ފަހު 15 މިނެޓު ވަންދެން މަޑުކޮށްލަންޖެހެ އެވެ. އަދި ބައެއް ފަހަރު ދަތުގައި ލިޕްސްޓިކްގެ ކުލަ ޖެހެ އެވެ.
އެންމެ ފަށަލައެއްގެ ލިކުއިޑް ލިޕްސްޓިކް ފޮހެލުމަކީ ފަސޭހަކަމެއް ނޫނެވެ. ވީމާ 100 ފަށަލައިގެ ލިކުއިޑް ލިޕްސްޓިކް ފޮހެލީ ކިހިނެއްތޯ ކޮމެންޓަރުން ސުވާލުކުރި އެވެ.