15 މާޗް 2018 - 15:57

ޑާކާ (މާޗް 15) - މިއަންމާގެ އަނިޔާވެރިކަން ބޮޑުވުމުން ބަންގްލަދޭޝް އަށް އެތެވި ރޮހިންޖާ މުސްލިމުންގެ ތެރޭން އެނބުރި ދިއުމުގެ ހުއްދަ އަށް އެދުނު 8،000 މީހުންގެ ތެރޭން ހުއްދަ ދީފައި ވަނީ އެންމެ 374 މީހުންނަށް ކަމަށް ރިޕާޓްރިއޭޝަން ކޮމިޝަނާ އަބްދުލް ކަލާމް ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ރެފިއުޖީން އަނބުރާ މިއަންމާ އަށް ގެންދިއުމާ ގުޅޭ ގޮތުން އިތުރު މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށެވެ.
މިއަންމާ ސިފައިންގެ އަނިޔާވެރިކަން ބޮޑުވުމުން ބަންގްލަދޭޝް އަށް އެތެރެވި ރޮހިންޖާ ރެފިއުޖީންގެ އަދަދު ހަތް ލައްކަ އަށް އަރަ އެވެ. މިދިޔަ ނޮވެމްބަރު މަހު ބަންގްލަދޭޝް އާއި މިއަންމާ އިން ވަނީ ރެފިއުޖީން އަނބުރާ ގެންދިއުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އައިސްފަ އެވެ. ދެ ގައުމު އެއްބަސްވެފައި ވަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ރެފިއުޖީން ގެންދާ ގޮތަށެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ބަންގްލަދޭޝް އިން ވަނީ 8،032 ރެފިއުޖީންގެ ނަން ހުށަހަޅައިފަ އެވެ. އެކަމަކު މީގެ ތެރޭން ހުއްދަ ދީފައި ވަނީ 374 މީހުންނަށެވެ.
މިއަންމާ އިން މީގެ ކުރިން ވެސް ވަނީ ރެފިއުޖީ އަނބުރާ ދިއުމަށް އެތައް ހުރަހެއް ކުރިމަތިކޮށްފަ އެވެ. ރަކީން ސްޓޭޓުގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅު މީހުންނަކީ މިއަންމާގެ ރައްޔިތުންގެ ގޮތުގައި އެ ގައުމުން ބަލައިގެންފައެއް ނުވެ އެވެ.